ޝިފާޒް ވަކިކުރަން ރައީސް ނިންމެވުމަކީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ވެސް އެދުމެއް: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް --

އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަކީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ވެސް އެދުމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޝިފާޒް، އެ މަގާމުން ވަކިކުރެއްވީ މިއަދުއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ޝިފާޒް އެ މަގާމުން ވަކިކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުން އެ ފަރާތްތަކަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓްގައެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް މިއަދު ވަކިކުރެއްވި އިރު އޭނާ ގެންދަވަނީ އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދު އިސްވެ. އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ގޮފީގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކުރައްވަމުންނެވެ.

ރޮޒައިނާ ވިދާޅުވީ އިރެއްގައި އެމްޑީޕީ ސަރުކާރުން ގެންނަން މަސައްކަތް ކުރިއެއްކަމަކު، މިއަދު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް މިނިސްޓަރަކަށް ބަހައްޓައިގެން ހުރުމަކީ ބުއްދިގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"ޝިފާޒް ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ވެސް އެދުމެއް،" ރޮޒައިނާ ވިދާޅުވިއެވެ.

ޝިފާޒް އެ މަގާމުން ވަކިކުރެއްވީ އޭނާ އޮފީހަށް ނުނިކުންނަވާ މައްސަލަ ވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އޭނާގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް މ. ބަނަފްސާވިލާ, އިބްރާހީމް ވަޙީދު, ވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވާފައެވެ.

ޝިފާޒް މަގާމުން ވަކިކޮށްފައި ވާއިރު ރައީސް ނަޝީދު އުފައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުމުގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހުސައިން އަމްރު ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ.

comment ކޮމެންޓް