ޓީވީއެމް ޤުރްއާންގެ ނަމުގައި ޕީއެސްއެމްއިން އާ ޓީވީ ޗެނަލެއް މިއަދު އިފްތިތާހުކޮށްފިއެވެ.
ޕީއެސްއެމްގެ އާ ޓީވީ ޗެނަލް އިފްތިތާހުކޮށްދެއްވީ މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
ޓީވީއެމްގެ 45 ވަނަ އަހަރީ ދުވަހާ ދިމާކޮށް ޕީއެސްއެމް އިން އިފްތިތާޙްކުރި "ޓީވީއެމް ޤުރްއާން" ޗެނަލަކީ 24 ގަޑިއިރު ޚިދުމަތްދޭ ކޭބަލް ޓީވީ ޗެނަލަކެވެ. މި ޗެނަލަކީ ކީރިތި ޤުރްއާނާ އެކު ދިވެހި ތަރުޖަމާ ގެނެސްދޭ އަދި ކޮންމެ ތިން ދުވަހަކުން ޚަތިމެއް ކުރެވޭގޮތަށް ޤުރްއާނާއި ތަރުޖަމާ ފޮނުވާ ޗެނަލްއެކެވެ.
މި ޤުރުއަން ޗެނަލާ ބެހޭ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު މިއަދު "ސަން"އަށް ވިދާޅުވީ ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ޤުރުއާން ޗެނަލެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"މިހާރު ހުރޭ މިހާރު ޤުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ފެންނަ ޓީވީ ޗެނަލްއެއް. އެކަމު މީގެން ފެންނާނެ. އެކަމަށް ޝައުގުވެރިކަން މީހުންގެ ހުންނަކަން ވެސް ފާހަގަވެފަ ހުރީ،" އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމްގެ "ޓީވީއެމް ޤުރުއާން" ޗެނަލް އިފްތިތާހު ކުރުމުގެ ތެރެއިން ---
އަލީ ޚާލިދު ވިދާޅުވި ގޮތުގައި މި ޤުރުއާން ޗެނަލް އިފްތިތާހުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ޤުރުއާނާއި ދިވެހި ތަރުޖަމާއަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން އެކަން މަގުފަހިކޮށްދިނުމެވެ.
ޕީއެސްއެސްމްއިން އަލަށް އިފްތިތާހު މިކުރި، "ޓީވީއެމް ޤުރުއާން" ޗެނަލް މިވަގުތު ފެންނާނީ ޕީއެސްއެމް ކަނެކްޓްގެ ކަސްޓަމަރުންނަށެވެ. ދާދި އަވަހަށް އެސްއެސްނެޓްގެ ކަސްޓަމަރުންނަށް ވެސް މި ޗެނަލް ލިބޭނެއެވެ.
އެސްއެސްނެޓުން މި ޗެނަލް ފެންނާނީ ޗެނަލް ނަންބަރު 25 އިންނެވެ.