އޭޑީބީއިން ބީއެމްއެލްއަށް 41 މިލިއަން ޑޮލަރުގެ ފައިނޭންސް ޕެކޭޖެއް ދިނުމަށް ސޮއިކޮށްފި

ބީއެމްއެލް އޮފީސް -- ސަން ފޮޓޯ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 41 މިލިއަން ޑޮލަރުގެ ފައިނޭންސް ޕެކޭޖެއް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ފައިނޭންސް ޕެކޭޖަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިިތަކާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަށް ދޫކުރި ޕެކޭޖެކެވެ.

މި ޕެކޭޖަށް ފައިނޭންސްކުރުމުގައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ)އިން ދިން 13 މިލިއަން ޑޮލަރާއި، އޭޑީބީގެ 13 މިލިއަން ޑޮލަރުގެ އިތުރުން ޑިވެލޮޕްމަންޓް ބޭންކް އޮފް އޮސްޓްރިއާއިން ދިން ފަސް މިލިއަން ޑޮލަރު ހިމެނެއެވެ.

ހަމައެއާއެކު ކެނޭޑިއަން ކްލައިމެޓް ފަންޑް ފޯ ދަ ޕްރައިވެޓް ސެކްޓާ އިން އޭޝިއާ (ސީއެފްޕީއެސް)ގެ ނުވަ މިލިއަން ޑޮލަރުގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ފަންޑް (އޭޑީއެފް)އިން ދިން އެއް މިލިއަން ޑޮލަރު ވެސް ހިމެނެއެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ވާހަަކަދައްކަވަމުން އޭޑީބީގެ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސްގެ ޑިރެކްޓަރު ޖެނަރަލް ސުޒޭން ގެބަރީ ވިދާޅުވީ ނޫ އިގްތިސާދަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު އެެއްޗެއްކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިންގައި އެކަމަށް ކުރާ ހޭދަ އަދިވެސް ކުޑަކަމަށް އޭނާ ވިދާޅުވިއެވެ.

"ބީއެމްއެލްއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން މިހާރަށް ބޭނުންވެފައިވާ ފައިނޭންސިން ފަތުރުވެރިކަމުގެ ދާއިރާއަށާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ހިންގާ ޕްރޮޖެކްޓުތަކުގެ އިތުރުން ވިޔަފާރިތަކާއި އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެ،" ގަބްރީ ވިދާޅުވިއެވެ.

މި ޕެކޭޖުގެ 60 ޕަސެންޓު ޚާއްސަކުރަނީ ވިޔަފާރިތަކަށް ފައިނޭންސްކުރުމަށެވެ. ފަސް ޕަސެންޓު ޚާއްސަކޮށްފައިވަނީ އަންހެނުން އިސްވެ ހިންގާ ކުދި ވިޔަފާރިތަކަށެވެ.

comment ކޮމެންޓް