ދިރާގު މޯލްޑިވްސް ގޭމިންގް ކޮންކުއެސްޓް 2026: ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް އަންނަ މަހު!

ދިރާގު މޯލްޑިވްސް ގޭމިންގް ކޮންކުއެސްޓް 2025 ގެ ވަނަތައް ލިބުނު ބައިވެރިން- ފޮޓޯ: ދިރާގު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ގޭމިން އިވެންޓް ކަމުގައިވާ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026" އިއުލާނުކޮށްފިއެވެ.

މި އިވެންޓު ކުރިއަށްދާނީ އަންނަ މަހުގެ 26 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަވެރި މުބާރާތްތަކާއި ގޭމިންގް ދާއިރާގެ އެންމެ ފަހުގެ ތަޖުރިބާތައް ފެންނާނެއެވެ. އެގޮތުން ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް އަދި ރޮކެޓް ލީގުގެ ފޯރިގަދަ ފައިނަލް މެޗުތައް ކުރިއަށްދާނެއެވެ. މި ގޭމްތަކުގެ އިތުރުން އީއޭ ސްޕޯޓްސް އެފްސީ 27 އަދި ޓެކެންގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތާއި އެކަމުގެ ތަފުސީލުތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

މި މުބާރާތްތަކުގެ އިތުރުން އިވެންޓުގައި މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ވާޗުއަލް ރިއަލިޓީ، ރޭސިން ސިމިއުލޭޓަރު އަދި މަގްބޫލު ޓޭބަލްޓޮޕް ގޭމެއް ކަމުގައިވާ "ޑަންޖަންސް އެންޑް ޑްރެގަންސް (ޑީއެންޑްޑީ)" ފަދަ ޝައުގުވެރި ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގައެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގް ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިންގް ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މުބާރާތާއި ޑީޖީޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.

ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިންގް ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މި ހާއްސަ އިވެންޓަކީ ހުރިހާ ފަރާތްތަކަށްވެސް މުޅިން ހިލޭ ވަދެވޭ ގޮތަށް ހުޅުވައިގެން ކުރިއަށްގެންދާ ރާއްޖޭގެ ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަންނަ ބޮޑު އީދެކެވެ.

comment ކޮމެންޓް