ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރަން އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު -- ފޮޓޯ/ މަޖިލީސް

ބޭރު ގައުމުތަކުން ރާއްޖެއަށް ކުނި އެތެރެކުރުން ހުއްދަވާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ބަދަލުކޮށް، ބޭރު ގައުމުތަކުން ކުނި އެތެރެކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ވޭސްޓް މެނޭޖްމެންޓް ގާނޫނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާއިރު އެ ގާނޫނު މަޖިލީހުން ފާސްކުރުމުގެ ކުރިން ގެނައި ބަދަލުތަކުގައިވަނީ އެ ގާނޫނުގެ ދަށުން ރާއްޖެއަށް ކުނި އެތެރެކުރެވިދާނެ ފަދަ މާއްދާއެއް އިތުރުކޮށްފައެވެ.

އެ މާއްދާއާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެ އެތެރެކޮށްގެން ނުވާނެ ކަމަށެވެ. ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ދޭންވާނީ މިނިސްޓްރީން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު މީގެ ކުރިން ވަނީ، އެހެން ގައުމުތަކުން ރާއްޖެއަށް ކުނި އެތެރެކުރުމަށް ތާއީދުނުކުރައްވާ ކަމަށް ވިދާޅުވެ، އެ މާއްދާ އިސްލާހުކުރަން ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ އެ މާއްދާއަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ، ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ރާޝިދެވެ.

މިހާރު ކުނި މެނޭޖުކުރުމުގެ ގާނޫނު އޮންނަ ގޮތުން، އެންވަޔަރަމެންޓް މިނިސްޓްރީގެ ހުއްދައާ އެކު ރާއްޖެއިން ބޭރުން ކުނި އެތެރެކުރެވުމުގެ އިތުރުން، އެ ގޮތަށް ކުނި އެތެރެކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރަން ގަވައިދެއް ހެދުމަށް ވެސް ގާނޫނުގައިވެއެވެ. ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ، އެ މާއްދާތައް އުނިކުރުމަށެވެ.

އެގޮތުން އެ އިސްލާހުގައި ވަނީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުނި ރާއްޖެއަށް އެތެެރެކުރުމަކީ މަނާކަމެއް ކަމަށެވެ.

އެންމެ ފުރަތަމަ ކުނި މެނޭޖް ކުރުމުގެ ބިލް ސަރުކާރުން މަޖިލީހަށް ފޮނުވި އިރު، ބޭރު ގައުމުތަކުން ކުނި ރާއްޖެއަށް އެތެރެކުރެވޭ ގޮތަށް ހިމަނާފައެއް ނުވެއެވެ. ނަމަވެސް މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން އެ ބިލު ދިރާސާކުރުމަށް ފަހު ތަޅުމަށް ފޮނުވީ، ބޭރުން ރާއްޖެއަށް ކުނި އެތެރެ ކުރެވޭ ގޮތަށް އިސްލާހެއް ހިމެނުމަށް ފަހުގައެވެ.

އެ ބިލު ރައީސް ޞާލިޙު ތަސްދީގުކުރެއްވުމުން އެންވަޔަރަމެންޓް މިނިސްޓްރީން ވެސް ވަނީ ބޭރު ގައުމުތަކުން ރާއްޖެއަށް ކުނި އެތެރެކުރުމަށް ތާއީދުނުކުރާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް