ބާކީ ކޮށްލުމުން ބޮލީވުޑާ ދުރަށް ޖެހެން މަޖުބޫރުވި: ޕްރިޔަންކާ

ހިންދީ ސިނަމާގައި ކާމިޔާބު ފިލްމުތަކެއްގެ ސިލްސިލާ ފެށުމަށް ފަހު ފިލްމު އުފައްދާ ބައެއް ފަރާތްތަކުން ބަތަލާ ވަރަށް ބޮޑަށް އެކަހެރި ކޮށްލިކަމުގެ އިހުސާސުކުރެވުނު ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ސިނަމާއަށް ދޫކޮށްލުމަށް ފަހު ހޮލީވުޑްގެ ދަތުރު ފެށުނު ގޮތާ ބެހޭ ގޮތުން ޑެކްސް ޝެފާޑް ޕޮޑްކާސްޓް ޝޯގައި ވާހަކަދައްކަމުން ބަތަލާ ބުނީ، ބޮލީވުޑްގެ ފަންނާނުންގެ މެދުގައި އޮންނަ ސިޔާސީ ކުޅިގަނޑު ކުޅެން އޭނާ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.

އެހެންވެ, ހިންދީ ސިނަމާއިން ބްރޭކެއް ނަގަން އޭރު ނިންމީ ކަމަށެވެ. އެއަށް ފަހު ބަތަލާއަށް ލިބިފައިވާ މިއުޒިކްގެ ހުނަރު ބޭނުންކޮށްގެން ބައިނަލް އަޤްވާމީ ޕްލެޓްފޯމަތަކަށް ތަޢާރަފްވުމަށް ވެސް ނިންމީކަމަށް 2000ވަނަ އަހަރުގެ މިސް ވޯލްޑް ތާޖު ހާސިލުކުރި ބަތަލާ ވަނީ ބުނެފައެވެ.

މިއުޒިކުގެ ދާއިރާއިން 2012ވަނަ އަހަރު ބެލުންތެރިންނަށް ތަޢާރަފްވެ އެމެރިކާގެ ލަވަކިޔުންތެރިޔާ ޕިޓްބުލްއާ އެކު ނެރުނު ލަވަ "އެގްޒޯޓިކް"އިން ޕްރިޔަންކާއަށް ހޮލީވުޑްއަށް ދިއުމުގެ މަގުފަހިވެގެން ދިޔައެވެ.

ޕްރިޔަންކާ ބުނެފައިވަނީ، މިއުޒިކް ދާއިރާއިން ކުރިއަށްދާން ވިސްނިނަމަވެސް ފަހުން އެއީ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވިކަމެއް ނޫންކަމުގެ އިހުސާސްކުރެވުނު ކަމަށެވެ. އޭބީސީ ނެޓްވޯކްއިން 2015ވަނަ އަހަރު ރިލީޒްކުރި "ކްއާންޓިކޯ" ސިލްސިލާއިން ލިބުނު ފުރުސަތާ އެކު ބަތަލާ ދެން ބޭނުންވީ ހޮލީވުޑުން ލިބެން ހުރި ފުރުސަތުތަކަށް ފޯކަސް ކުރަން ކަމަށް ބަތަލާ ބުނެފައިވެއެވެ. އެގޮތަށް ނިންމަން އެންމެބޮޑަށް ބޭނުންވީ ބޮލީވުޑުން އެކަހެރިކޮށްފައި ހުރިކަމުގެ އިހުސާސްކުރެވި ފަހުން ފިލްމުތަކުން ފުރުސަތު ލިބުން މަދުވުމުން ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.

އޭނާ މި މޭރުމުން ވާހަކަ ދައްކާފައިވާއިރު ބޮލީވުޑްގެ ބައެއް ފަންނާނުން ވަނީ ބަތަލާއާ އެއްކޮޅަށް މި ކަމާ ބެހޭ ގޮތުން ވަކާލާތު ކޮށްފައެވެ.

އެގޮތުން މަޝްހޫރު ފިލްމު ޑައިރެކްޓަރު ވިވެކް އަގްނިހޯތްރީކުރި ޓްވީޓްގައި ބުނެފައިވަނީ، ތަންދޮރު ދަންނަ ބޮޑެތި ފަރާތްތަކުން ފިލްމީ ތަރިންނާ މިގޮތަށް ދިމާކުރުމުން ބައެއް ފަރާތްތަކުން މައިދާން ދޫކޮށްލާ ކަމަށެވެ. އަނެއް ބަޔަކު އޭގެ ޝިކާރައަކަށް ވާއިރު ހިތްވަރާ އެކު މަސައްކަތްކުރާ ފަރާތްތަކުން އަމިއްލަ ޔުނިވާސްއެއް ތައްޔާރުކުރާ ކަމުގައެވެ. އަދި މިއީ ހަޤީޤީ ކާމިޔާބު ތަރިންކަމަށް ވިވެޖް އަގްނިހޯތްރީ ވަނީ ބުނެފައެވެ.

ހިންދީ ސިނަމާއިން ޕްރިޔަންކާ ޙާސިލުކޮށްފައިވާ ކާމިޔާބީތަކަށް ބަލާއިރު، 2016ވަނަ އަހަރު ބަތަލާއަށް ވަނީ އިންޑިއާގައި ދެވޭ އެންމެ ޝަރަފްވެރި ޕަދްމާޝްރީ އެވޯޑް ލިބިފައެވެ. މީގެ އިތުރުން 2008ވަނަ އަހަރު ފިލްމު "ފެޝަން"އިން ނެޝަނަލް އެވޯޑް ޙާސިލްކޮށްފައިވާއިރު ޕްރިޔަންކާ ޕްރޮޑިއުސްކުރި މަރާޓީ ފިލްމު "ޕާނީ"އަށްވަނީ 2019ވަނަ އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބިފައެވެ. ޕްރިޔަންކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ ކުރިޔަށްއޮތް އޭޕްރިލް 29ގައި އެމޭޒަން ޕްރައިމްއިން ރިލީޒްކުރާ ވެބް ސީރީސް "ސިޓަޑެލް"އިންނެވެ. މިހާތަނަށް ހޮލީވުޑްގެ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކޮށްފައިވާ ބަތަލާގެ އެންމެ އަވަހަށް ރިލީޒްވާން ހަމަޖެހިފައިވާ ހޮލީވުޑް ފިލްމަކީ، މިއަހަރުގެ މެއި 12ގައި ރިލީޒްކުރާ ފިލްމު "ލަވް އަގައިން"އެވެ.

comment ކޮމެންޓް