މަގު ހަދަން ކޮނުމުގެ ތެރޭގައި އައްޑޫ މީދޫ ގެއެއްގެ ފާރެއް ވެއްޓިއްޖެ

މީދޫ ގެއެއްގެ ފާރު ވެއްޓިފައި / ފޮޓޯ: ސޯޝަލް މީޑިއާ

މަގުތައް ހަދަން މަގު ކޮންނަނިކޮށް އައްޑޫ ސިޓީ މީދޫ ގެއެއްގެ ބޮޑު ބައެއް ވެއްޓިއްޖެއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުއެވެ.

ސޯޝަލް މީޑއާގައި ދައުރުވާ ފޮޓޯތަކަށް ބަލާއިރު އެޅިގަލުން ރާނާފައިވާ އެގޭގެ މަގަށް ހުރި ފަރާތް ވަނީ އެއްކޮށް ވެއްޓިފައެވެ. މީދޫއިން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.

އާންމުކޮށް މިފަދަ މަސައްކަތް ކުރުމުގެ ކުރިން ރިސްކް އެސެސްމެންޓް ހެދުމަށްފަހު ކައުންސިލަށާއި މަގުގައި ހުންނަ ގޭގޭގައި ދިރިއުޅޭ މީހުންނަށް އަންގައެވެ.

އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ތެރެއިން މީގެ ކުރިންވެސް އައްޑޫގެ އެކި ރަށްރަށުގެ ފާރުތައް ވެއްޓިފައި އެބަ ހުއްޓެވެ.

އޭރު ބައެއް ގޭގޭގެ ފާރުތަކުގައި ރެނދު ލައި، އަރިއެޅުމުގެ ސަބަބުން ސަޕޯޓު ވިއްދައިގެން ވެސް މަސައްކަތްކޮށްފައިވެއެވެ. އަދި އެފަދަ ހާދިސާއެއް ހިނގައިފި ނަމަ އެކަން ތަހުގީގުކޮށް، ކޮންޓްރެކްޓަރުންގެ އިހުމާލު ވާނަމަ ގެއްލުމުގެ ބަދަލުވެސް ދެއެވެ.

ފާރު ވެއްޓޭތީ ސަޕޯޓު ވިއްދާފައި

މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަދި މީދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ޞާލިޙާ އަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ، އިތުރު މައުލޫމާތެއް ނުލިބެއެވެ.

comment ކޮމެންޓް