އޯޑިއޯ މެސެޖު ފޮނުވާ ފަހުން، އޮޓޮމެޓިކުން ޑިލީޓްވާ ފީޗާއެއް ވަޓްސްއެޕްއަށް

ދުނިޔޭގެ އެންމެ ގިނަ ބަޔަކު މިހާރު ބޭނުންކުރަމުން އަންނަ އެއް މެސެޖިން އެޕް ކަމަށްވާ ވަޓްސްއެޕްއިން އެކަކު އަނެއްކަކަށް ފޮނުވާ އޯޑިއޯ ފައިލް އަޑުއަހާ ނިމުމުން, އޮޓޮމެޓިކުން ޑިލީޓްވާ ފީޗާއެއް ތަރައްގީ ކުރަމުން އަންނަ ކަމަށް ޚަބަރު ފެތުރިއްޖެއެވެ.

ވަޓްސްއެޕްއިން އެ ފީޗާ ތަރައްގީ ކުރަނީ އެ އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ ޕްރައިވެސީ ހިމާޔަތްކޮށް، އެ މީހުންގެ މައުލޫމާތު ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް ފޮނުވާ ހުރިހާ މެސެޖުތަކަށް މިހާރު ވެސް ވަނީ އެންޑް ޓު އެންޑް އެންކްރިޕްޝަން ގާއިމްކޮށްފައެވެ.

މި އާ ފީޗާއަކީ އޯޑިއޯ މެސެޖުތައް ފޮނުވަން ލޯބިކުރާ މީހުންނަށް ވަރަށް ބޭނުންތެރި ފީޗާއަކަށް ވާނެއެވެ. މީގެ ކުރިން އެކުންފުނިން ވަނީ "ވިއު ވަންސް" ކިޔާ ފީޗާއެއް ތައާރަފު ކޮށްފައެވެ. އެ ފީޗާއިން، އެކަކު އަނެއްކަކަށް ފޮނުވާ ފޮޓޯ ފަދަ މީޑިއާ ފައިލްތައް ބަލާ ނިމުމުން އެހެން މީހަކަށް ނުފޮނުވޭ ގޮތަށް އޮޓޮމެޓިކުން ޑިލީޓްވާނެއެވެ.

ވަޓްސްއެޕްއިން ބުނީ "ވިއު ވަންސް" ފީޗާއާ އެއްގޮތަށް، އޯޑިއޯ ފައިލް ފޮނުވޭ ފީޗާއިން ވެސް، އެ މެސެޖު އޮޓޮމެޓިކުން ޑިލީޓްވާނެ މުއްދަތު އިޚްތިޔާރު ކުރެވޭނެ ކަމަށެވެ. އަދި އެ މުއްދަތު ކަނޑައެޅުމުގައި ގިނަ އޮޕްޝަންތައް ލިބޭނެކަމަށް ވަޓްސްއެޕުން ބުނާއިރު، އެއް ސިކުންތުން ފެށިގެން ބޭނުން އަދަދަކަށް ވަގުތު ކަނޑައެޅޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެ ފީޗާގެ އެންމެ މުހިންމު ކަމަކީ މެސެޖު ފޮނުވާ ފަރާތަށް ފުރިހަމަ ކޮންޓްރޯލް ލިބުމާއެކު، މެސެޖުތައް ލިބޭ މީހާގެ ޑިވައިސްގައި މާގިނައިރު އެ ފައިލްތައް ނުހުންނާނެ ކަމެވެ. އަދި ފައިލް ޑިވައިސްއަށް ސޭވް ކުރަން ބޭނުންވިޔަސް އެކަން ނުވާނެ ކަމާއި އެހެން މީހަކަށް ފޮނުވަން މަސައްކަތް ކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމެވެ.

އެހެންކަމުން، ޕާސްވޯޑްތަކާއި މާލީ މައުލޫމާތާއި ޒާތީ މައުލޫމާތު ހިމެނޭ މެސެޖުތައް ވެސް ކުޑަ ވަގުތުކޮޅަކަށް ހިއްސާކުރެވޭނެއެވެ.

މި ފީޗާ އަދިވެސް ތަރައްގީ ކުރަމުންދާއިރު، އެ އެޕް ބޭނުން ކުރާ އެންމެންނަށް ކުރިއަށް އޮތް ހަފުތާތަކުގައި ފީޗާ ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށް ވަޓްސްއެޕްއިން ބުންޏެވެ. އަދި ހުރިހާ ގައުމުތަކާއި ޑިވައިސްތަކަށް ވެސް އެ ފީޗާ ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް