ހައި ކޯޓުގެ ފަނޑިޔާރުކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި

ހައި ކޯޓު: އެ ކޯޓުގެ ފަނޑިޔާރުކަމަށް ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓުގެ ފަނޑިޔާރަ ކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ވަނަވަރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އާންމުކޮށްފިއެވެ.

އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ޖޭއެސްސީން މިއަދު ވަނީ ސުންގަނޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް ހާމަކޮށްފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:

1. މަރިޔަމް ވަޙީދު / ބެލޫން, ސ.ފޭދޫ

2. މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް, ގދ.ގައްދޫ

3. ޢަލީ އަޙްމަދު / ބިއްދޮށުގެ, ފ.ނިލަންދޫ

4. މުޙައްމަދު މިންހާޖް / ހިރިލަންދޫގެ, ސ.ފޭދޫ

އޭގެ ތެރެއިން މަރިޔަމް ވަޚީދަކީ މިވަގުތު ސިވިލް ކޯޓުގެ ގާޒީއެކެވެ.

ހައި ކޯޓަށް ދާދި ފަހުން ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވެސް އައްޔަނު ކުރައްވާފައެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާއިން ޑިގްރީ ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި ގާޒީއެއްގެ ގޮތުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށެވެ.

މީގެ އިތުރުން ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ސާބިތުވެފައިނުވުމާއެކު އެފަދަ ކުށެއް ކޮށްފައިވާނަމަ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތާ ހަތް އަހަރު ވާންޖެހެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36،000 ރުފިޔާ ލިބޭއިރު ލިވިން އެލެވެންސެއްގެ ގޮތުން 15،000 ރުފިޔާއާއި ރިސްކް އެލަވަންސަކަށް 3300 ރުފިޔާ ދެއެވެ. އަދި ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.

comment ކޮމެންޓް