އެމްއެންޑީއެފްގެ 5 ބޭފުޅަކަށް މުޅިން އަލަށް ޗީފް ވޮރަންޓް އޮފިސަރުކަން ދީފި

ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކިން ހަވާލުކުރުން / ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކިން މުޅިން އަލަށް ފަސް ފަރާތަކާ ހަވާލުކުރައްވާ، މަގާމުގެ ކުރިއެރުން ދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައެވެ. މަގާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހާވާލު ކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ. މިފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މިއަދު ލިބިވަޑައިގެންވި ފަސް ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މިނިސްޓަރު މާރިޔާ ވަނީ މި ފަސް ބޭފުޅުންނާ ބައްދަލުކުރައްވާ މަރުޙަބާ ދަންނަވާފައެވެ.

ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ މިއީ އެމްއެންޑީއެފްގެ ހަޔާތުގައި ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް މީހުން އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކުރައްވައި އެ ފަސް ބޭފުޅުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއް ރަޙީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް