ހަތިޔާރާއެކު އެމްއެންޑީއެފްގެ ތަމްރީންތަކެއް އައްޑޫ ސިޓީ ގަމުގައި ފަށަނީ

ދިވެހި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރި ވަނީ --

ހަތިޔާރާއެކު ދިވެހި ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ސ. ގަމުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ތަމްރީންތަކަކީ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީންއެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެމްއެންޑީއެފުން އަސްކަރީ ތަމްރީންތަކެއް ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެ މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދާނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ އެކަކުން ފެށިގެން ހަތަރު ވަނަ ދުވަހަށް، މިއިން ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ފެށިގެން އެދުވަހުގެ 18:00އާ ހަމަ އަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ މި ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް އާއްމުކޮށްފައެވެ.

  • ބޭނުންކުރާ ހަތިޔާރު: ޕައިރޯޓެކްނިކްސް: އޭކޭ47، އެމް203، އާރުޕީޖީ، 84 އެމްއެމް ކާލް ގުސްޓާވް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 4600 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ ލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ސ.ގަން ޓްރޭނިން ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނު

ގަމުގައި ދިވެހި ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ނިންމާފައި ވާތީ އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓުން ވަނީ އަންގާފައެވެ.

އެމްއެންޑީއެފުން ދަނީ ދޭތެރެ ދޭތެރެއިން ހަތިޔާރާއެކު މިޒާތުގެ އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ.

މިފަދަ ތަމްރީންތަކަކީ ދިވެހި ސިފައިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީންތަކެއް ކަމަށާއި މިއީ ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއް އޮވެގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްތަކެއް ނޫން ކަމަށް އެމްއެންޑީއެފުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް