ސައޫދީއާއި އީރާނުގެ ޚާރިޖީ ވަޒީރުން ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި

ސައޫދީ އާއި އީރާނުގެ ޚާރިޖީ ވަޒީރުން

ރިޔާޟް (27 މާޗް 2023): ސައޫދީ އާއި އީރާނުގެ ޚާރިޖީ ވަޒީރުން ފޯނުން ގުޅުއްވައި ދެ ބޭފުޅުން ބައްދަލުކުރައްވާނެ ތާރީޚަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ސައޫދީ ރަސްމީ ނޫސް އެޖެންސީ ޚަބަރުދޭގޮތުގައި އެގައުމުގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން މިއަދުވަނީ އީރާންގެ ޚާރިޖީ ވަޒީރު ހުސެއިން އަމީރު އަބްދުއްލަހްޔާން އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތައް ބިނާކުރެއްވީ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރުމާ ބެހޭ ގޮތުން ދާދިފަހުން ޗައިނާގައި ދެގައުމުން ސޮއިކުރި އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި ދެގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމާ ބެހޭ ގޮތުންނެވެ.

މިހިނގާ ރަމަޟާން މަސް ތެރޭގައި ދެބޭފުޅުން ބައްދަލުކޮށް ބެއިޖިން އެއްބަސްވުން ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވިކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ "ވާސް" ބުނެއެވެ. މިއީ ފާއިތުވި ހަތް އަހަރު ތެރޭގައި ސައޫދީ އާއި އީރާނުގެ ޚާރިޖީ ވަޒީރުން ފޯނުން ގުޅުއްވި ފުރަތަމަ ފަހަރެވެ.

ސައޫދީއާއި އީރާނަކީ މެދުއިރުމަތީގައިވާ އެންމެ ނުފޫޒުގަދަ ދެގައުމެވެ. މިއީ އިސްލާމީ ދެ ގައުމު ކަމަށްވިޔަސް މި ދެގައުމުގެ ދެމެދުގައި ސިޔާސީ ދެބަސްވުންތަކާއި ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމުގައި ޒަމާންވީ ބޮޑު ވާދަވެރިކަމެއް އޮވެއެވެ.

އެމެރިކާއާއި އިސްރާއީލު ގެންދަނީ ސައޫދީއާއި އީރާނާ ދެމެދުގައިވާ ދެބަސްވުންތަކާއި ޚިޔާލުތަފާތުތަކާއި ވާދަވެރިކަމުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. މިގޮތުން އީރާނަކީ ސައޫދީއަށާއި ގަލްފުގެ ގައުމުތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދައްކައި ސައޫދީއަށާއި ގަލްފުގެ ގައުމުތައް ދުޝްމަން ކުރުވައިގެން ސައޫދީއަށާއި ގަލްފުގެ އެހެންގައުމުތަކަށް ހަތިޔާރު ވިއްކައިގެން އެމެރިކާގެންދަނީ ބޮޑެތި ފައިދާތަކެއް ހޯދަމުންނެވެ.

އަނެއްކޮޅުން އިސްރާއީލު ގެންދަނީ އީރާން ފޯބިއާގެ ނަމުގައި އީރާނަކީ ބިރެއްކަމަށް ދައްކައިގެން ފަލަސްތީނުގެ ހައްގުތަކަށް އިސްރާއީލުން އަރައިގަންނަ މައްސަލަ އޮއްބާލުމަށް ވަރުގަދައަށް މަސައްކަތް ކުރަމުންނެވެ. އަދި އިސްރާއީލު ގެންދަނީ ފަލަސްތީނުގެ މައްސަލަ އޮއްބާލުމަށްޓަކައި ގަލްފުގެ ގައުމުތަކާއި ސައޫދީއާ ގާތްވުމަށްވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ސައޫދީ އާ ގާތްވުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކަށް މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް އިސްރާއީލުވަނީ އެމެރިކާގެ އެހީގައި ގަލްފުގެ ދެގައުމު ކަމަށްވާ ޔޫއޭއީ އާއި ބަހްރައިން އާއެކު ޑިޕްލޮމެޓިކް ގުޅުންތައް އުފެއްދުމުގައި އިސްރާއީލު ވަނީ ކާމިޔާބު ހޯދާފައެވެ.

ޗައިނާ މެދުވެރިއަކަށް ވެގެން އީރާނާއި ސައޫދީ ސުލްހަކުރުވައި ޑިޕްލޮމެޓިކް ގޮތުން އަލުން ގުޅުމަށް ސައޫދީއާއި އީރާން މިދިޔަ ހަފުތާގައި އެއްބަސްވެ އެކަމާބެހޭ ލިޔުމެއްގައި ސޮއިކުރުމުން އިސްރާއީލަށްވަނީ ކުއްލި ސިހުމަކާއި ޝޮކެއް ލިބިފައެވެ. އެމެރިކާއަށްވެސްވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

އިސްރާއީލަށް ސިހުން ލިބުނީ ފަލަސްތީނުގެ މައްސަލައާއި މެދުއިރުމަތީގައި އިސްރާއީލު ގެންގުޅޭ އަނިޔާވެރިކަމާއި އިސްތިއުމާރުގެ ހަރަކާތްތައް އޮއްބާލުމަށް އިސްރާއީލުން ގެންގުޅޭ އީރާން ފޯބިއާގެ ސިޔާސަތު އެކަމުގެ ސަބަބުން ނާކާމިޔާބު ވެގެންދާނެކަމުގެ ބިރުހީވުމުންނެވެ. އެމެރިކާ ނުތަނަވަސްވީ ސައޫދީއާއި ގަލްފުގެ އެހެން ގައުމުތަކަށް ހަތިޔާރުވިއްކައިގެން ނަގާ ފައިދާތައް ނުނެގިދާނެކަމުގެ ބިރު ހީވާތީއާއި އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ސައޫދީގެ އެއްބާރުލުން ނުލިބޭނެކަމުގެ ކަންބޮޑުވުން އޮތުމުންނެވެ.

އީރާނާއި ސައޫދީ ވަނީ ދެމަސްތެރޭގައި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމް ކުރުމަށް އެއްބަސްވުމުގެ އިތުރުން އެއްގައުމުން އަނެއްގައުމުގައި އިންވެސްޓް ކުރުމަށްވެސް ނިންމާފައެވެ. ސައޫދީ މާލީ ވަޒީރުވަނީ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމް ކުރެވުނުހާ އަވަހަކަށް ސައޫދީން އީރާނުގައި އިންވެސްޓް ކުރަން ފަށާނެކަމަށް ދާދިފަހުން ވިދާޅުވެފައެވެ.

comment ކޮމެންޓް