ލޯފަން މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި، އަމިއްލައަށް ވޯޓު ކަރުދާހުގައި ފާހަގަޖަހަން އެދޭނަމަ، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަ ޖެހިދާނެ ކަމަށް ބަޔާންކޮށް، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.
ލޯފަން މީހުން އިންތިޚާބުތަކުގައި ލާ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭތީ، އެ ކަމަށް ފަސޭހަ ހައްލަކާ އެކު ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެމްބަރުން ވަނީ މި މަހުގެ ފުރަތަމަ ދުވަހު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް ބައްދަލު ކޮށްފައެވެ.
ލޯފަން މީހުންނަށް ސިއްރު ވޯޓުލާން ވޯޓު ކަރުދާހަށް ބަދަލެއް ގެންނާކަށް ނުޖެހެއެވެ. އެ އެސޯސިއޭޝަނުން ހުށަހެޅި އީޖާދުގައި ވަނީ ވޯޓު ކަރުދާހާ އެއްވަރަށް ހާޑް މެޓީރިއަލްއަކުން ތައްޔާރުކޮށްފައިވާ ޝީޓެކެވެ. ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންނާ ދިމާލުގައި ފާހަގަ ޖަހަންވީ ތަން އެ ޝީޓުގައި ވަނީ ފާހަގަކޮށްފައެވެ.
ބްލައިންޑް އެސޯސިއޭޝަނުން އެކަން މަޖިލީހާ ހިއްސާ ކޮށްފައިވާއިރު އެކަމާ ގުޅިގެން ހުށަހަޅާފައިވާ ބިލުގައި ބުނީ ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ ވޯޓުކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން ލޯފަން މީހުންނަށް އެހީވެދޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލާސްޓިކް ޑިވައިސެއް ކަމަށެވެ. އަދި އެ ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި، ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ވާނެ ކަމަށް ބިލުގައި ވެއެެވެ.
ބިލުގައި ބުނީ ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުން ކުރާ މީހުންނަށް އެ އިންތިޒާމު ހަމަޖައްސައިދީ، ދޭންޖެހޭ އިރުޝާދު ދިނުމަށް، ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަށް އެކަށިގެންވާ ތަމްރީން އީސީއިން ދޭންވާނެ ކަމަށެވެ.
ބިލު ހުށަހަޅުއްވަމުން މެމްބަރު ޖީހާން ވިދާޅުވީ މި ބިލުގެ ބޭނުމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ވޯޓު ލުމުގެ ފުރުސަތު ހަމަޖައްސައިދިނުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނެ އުސޫލެއް ހަމަޖައްސައިދިނުމަކީ ވެސް ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.