ސަރުކާރާ ދެކޮޅު ޖޭޕީގެ ބޭފުޅުން ތިއްބާ އެމްޑީޕީގެ އަމްރު ވަކިކުރީ ކީއްވެ؟

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު: އޭނާ މަގާމުން ވަކި ކުރުމުން ފާޑުކިޔުން ވަނީ އަމާޒުވެފައި-- ސަން ފޮޓޯ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ހުސައިން އަމްރު މުހައްމަދު ރަޝާދު އެ މަގާމުން ވަކި ކުރުމާ އެކު އުފެދޭ ސުވާލަކީ އެއީއެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުވެރި ވެގެން، އެ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރައްވާތީ މަގާމުން ވަކިކުރަން ޖެހޭ ކަމުގައި ވާނަމަ، އަމްރަށް ވުރެ މާ ބޮޑަށް އައުލާ ބޭފުޅުން އެބަ ތިއްބެވެ. އޭނާ އަކީ ސަރުކާރު ހިންގާ މައި ޕާޓީގެ އެމްޑީޕީގައި ތެދުވެރިކަމާ އެކު ދެމި ހުންނެވި މެންބަރެކެވެ. ސުވާލަކީ ވަކިން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިފައި އޮތް ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން ވެސް ތިއްބާ، އަމްރު ވަކި ކުރަން ޖެހުނީ ކީއްވެގެންތޯއެވެ؟

އިއްޔެ ހެނދުނު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ވަނީ އަމްރު އެސްޓީއޯގެ މަގާމުތަކުން ވަކި ކުރަން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައެވެ. ހަމަ އިއްޔެ، އެ ބޯޑުން ވަނީ އޭނާ ވަކިކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް އެ މަނިކުފާނާ އެކު މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އަމްރު ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އެ އިންތިޚާބުން ނާކާމިޔާބުވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ މަނިކުފާނުގެ 'ފިކުރެއްގެ ފިރުން' ހަރަކާތުގައި އަމްރު ގެންދަވަނީ އިސް ރޯލެއް އަދާ ކުރައްވަމުންނެވެ.

ރައީސް ޞާލިޙަށް ތާއީދުނުކޮށް، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަން އެކުގައި މެނިފެސްޓޯއެއް އެކުލަވައިލަން މަޝްވަރާއަށް ވެސް ނަޝީދު ފޮނުއްވީ އޭރު އެސްޓީއޯގެ އެމްޑީ ކަމުގައި ހުންނެވި އަމްރެވެ. އެއީ، ސަރުކާރުގައި ހުންނަވައިގެން އަމްރު ސަރުކާރާ ދެކޮޅަށް ކުރައްވަމުން އައި މަސައްކަތެވެ.

އެހެންވެ، ރައީސްގެ ސިޔާސަތުތައް ތަންފީޒު ކުރަން ހުންނަވާ ކުންފުންޏެއްގެ ވެރިޔާ މަގާމުން ވަކިކުރަން ނިންމުން އެއީ ހައިރާން ކުރުވަނިވި ކަމެއް ނޫނެވެ. އެކަމަކު، އުފެދޭ ސުވާލަކީ ސަރުކާރާ ދެކޮޅަށް ހަމަ އެއް މަސައްކަތެއް ޖޭޕީން ކުރާއިރު، އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ބޭފުޅުން ވަކި ނުކުރައްވަނީ ކީއްވެގެންތޯއެވެ؟

އެ ސުވާލު، ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދާ ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އެކަމަކު، އަމްރު ވަކިކުރިކަން ޔަގީން ކޮށްދެއްވަމުން އިއްޔެ އޭނާ ވިދާޅުވި ގޮތުގައި އެއީ "ދޭތެރެ ދޭތެރެއިން" ސަރުކާރު ހިއްސާ ވާ ކުންފުނިތަކުގެ ބޯޑަށް ރައީސް ގެންނަވާ ބަދަލުގެ ތެރެއިން ހިނގި ކަމެކެވެ.

ރަސްމީކޮށް ސަރުކާރުން ނުބުންޏަސް ފެންނަން އޮތް ހަގީގަތަކީ އަމްރު މަގާމުން ވަކިކުރީ ނަޝީދާ ގުޅިގެން ޖޭޕީއާ އެކު މި އަހަރުގެ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމުންނެވެ. ސަރުކާރުގެ އެންމެ މުހިއްމު ކުންފުނީގައި ރައީސްގެ ސިޔާސަތު ގަބޫލުނުކުރައްވާ ބޭފުޅަކު ބެހެއްޓެން ނެތުމުންނެވެ. ގަބޫލުނުކުރާ ސިޔާސަތެއް ތަންފީޒު ނުކުރެވޭނެތީއެވެ.

އޮކްޓޯބަރު 24، 2021: ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުގެ އެއްވެސް މަގާމެއްގައި ސަރުކާރުގެ ސިޔާސަތުތައް ގަބޫލުނުކުރާ ބޭފުޅަކަށް ނުހުރެވޭނެއެވެ.

ސަރުކާރާއި ރައީސް ގެންގުޅުއްވާ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ވާ ހިސާބުން މަގާމުން ވަކިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސްޓީއޯ އަކީ ކާޑު އެތެރެ ކުރާ ކުންފުނި، ތެޔޮ އެތެރެ ކުރާ ކުންފުނި، ބޭސް އެތެރެ ކުރާ ކުންފުނި. އެ ފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު ކަނޑައެޅިގެން ސަރުކާރަށް ޗެލެންޖު ކުރައްވާއިރު މަގާމުން ވަކި ކުރަން ޖެހޭނެ، ސަރުކާރުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އަސްލަމް ވިދާޅުވިއެވެ.

އެކަމަކު، އެއީ ހަމައެކަނި އަމްރަށް ވީމާ އަޅަން ޖެހޭ ފިޔަވަޅެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެހެންވެ، ސަރުކާރުގެ ސިޔާސަތާ ދެކޮޅު އެހެން ޕާޓީއެއްގެ ބޭފުޅަކު ހުންނެވި ނަމަވެސް ވަކިކުރަން ޖެހޭނެ ކަމަށް އޭނާ ދެކިލައްވައެވެ.

"އަޅުގަނޑަށް ފާހަގައެއް ނުކުރެވޭ ޖޭޕީގެ ބޭފުޅަކު އެހެން އުޅުއްވާ ކަމެއް، އެކަމަކު އުޅުއްވާ ނަމަ، މަގާމުގައި ބައިތިއްބައިގެން ނުވާނެ. ސަރުކާރުގައި ތިބެން ވާނީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާ ބޭފުޅުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވެސް އަސްލު ސުވާލަށް ޖަވާބެއް ނުދެއްވައެވެ. ޖޭޕީގެ ބޭފުޅުންނަށް ފިޔަވަޅު ނޭޅޭ ސަބަބެއް ވިދާޅެއް ނުވެއެވެ. ވިދާޅުވީ އެޅެން ޖެހޭނެ ކަމަށް ގަބޫލުކުރައްވައި ކަމަށެވެ. އެކަމަކު، އެއީ ރައީސްގެ އަތްޕުޅުގައި އޮތް ބާރެއް ކަމަށެވެ.

ރައީސް ޞާލިޙް އެ ވަރުގެ ނިންމެވުމެއް ނިންމަވާނީ އެތައް ގޮތަކަށް ވިސްނެވުމަށް ފަހުގައެވެ. ސަރުކާރު ކުންފުންޏެއްގެ އެމްޑީ ކަމުގައި ހުއްޓާ، އަމިއްލަ ޕާޓީގެ ބޭފުޅަކު ވަކިކޮށް، ގެއަށް ފޮނުވައިލާނީ ސިޔާސީ ގޮތުން ވެސް ވިސްނެވުމަށް ފަހެވެ.

އެމްޑީޕީގެ އަނެއް ފެކްޝަން، ފިކުރެއްގެ ދިރުން ގޮފީގައި މަސައްކަތް ކުރައްވާ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވެސް ގަބޫލުކުރައްވަނީ އެ ފަދައިންނެވެ. އަމްރު މަގާމުން ވަކިކުރުމަކީ ވަރަށް "ޒާތީ" ކަމެއް ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

އެއީ، ސިޔާސަތުތަކާ ގުޅުމެއް އޮތް ކަމެއް ކަމުގައި އޭނާ ގަބޫލެއް ނުކުރައްވައެވެ.

"ސަރުކާރުގެ ސިޔާސަތެއް ނޯންނާނެ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ވެސް ނޯންނާނެ. އޮންނާނީ ޕާޓީގެ ސިޔާސަތު. އަމްރަށް ވުރެ ބޮޑަށް ޕާޓީގެ ސިޔާސަތު ހިންގަން އުޅުނު އެމްޑީއެއް ނުހުންނާނެ. ޖޭޕީގެ ސްލޮޓުތަކުގައި ތިބި ބޭފުޅުން ބައިތިއްބާފައި، އަމްރު ވަކިކުރުމުން ދޭހަ ވަނީ ހަމަ ޒާތީކަން،" ވައްޑޭ ނުރުހުން ފާޅުކުރައްވައި ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް -- ފޮޓޯ/ ރައީސް އޮފީސް

ފަހަރުގައި އެއީ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އަމްރަށް ދިން ވަރަށް "ޒާތީ" މެސެޖަކަށް" ވެސް ވެދާނެއެވެ. އެހެން ޕާޓީތަކާ އެކު ކުރައްވާ މަޝްވަރާގައި އިތުރަށް ކުރިއަށް ވަޑައިނުގަތުމަށް ދެއްވި އިންޒާރަކަށް ވެސް ވެދާނެއެވެ. މި އިންތިޚާބުގައި ސަރުކާރާ އެކު ހުންނަވަން ދެއްވި ދައުވަތަކަށް ވެސް ވެދާނެއެވެ.

ހަމަގައިމު، ކޮންމެ ސަބަބެއް އޮތަސް، އަމްރުގެ ހާލަތުގައި ތިބި ޖޭޕީގެ ބޭފުޅުން އެބަ ތިއްބެވެ. ވަކިން ރިޔާސީ ރޭހަށް ނުކުންނަން ނިންމި ނިންމުމަށް ތާއީދު ކުރެއްވި ވަޒީރުން ވެސް އެބަ ތިއްބެވިއެވެ.

މި އަހަރުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަން އެކުގައި ވާދަކުރަން ރައީސް ވަނީ ޕާޓީތަކަށް ދައުވަތު ފޮނުއްވައިފައެވެ. ދެވަނަ ދައުރެއްގެ ޝައުގުވެރިކަން ފާޅުކުރެއްވި ގޮތަށް އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެވެ. އެ ފަހުން ވެސް ތަފާތު މަންދޫބުން ފޮނުއްވައިގެން އަދި ވެސް އެ ގެންދަވަނީ ތަކުރާރުކޮށް މަޝްވަރާ ކުރައްވަމުންނެވެ. އެކަމަކު، ޖޭޕީން ނިންމީ މި އިންތިޚާބުގައި ވަކިން ނުކުންނާށެވެ. އެ ނިންމުން ނިންމީ، ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ވޯޓާ ވެސް އެކުގައެވެ.

ކެޕްޝަން.. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމަކު، ސަރުކާރުން ފިޔަވަޅެއް ނާޅައެވެ. އަމިއްލަ ޕާޓީގެ މެންބަރުން ވެސް އެދޭއިރު، ޖޭޕީއާ މެދު ރައީސް ގޮތެއް ނުނިންމަވައެވެ.

އެއީ، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ރައީސަށް، ގާސިމާއި ޖޭޕީގެ ތާއީދު ކޮންމެހެން ވެސް ބޭނުންފުޅު ވާތީއެވެ. އަބަދުމެ، ރައީސް ވިދާޅުވާހެން، ކޯލިޝަނަކާ ނުލައި މި އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ގަބޫލުކުރައްވާތީއެވެ.

އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ތިން ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވުނީ ގާސިމްގެ އެހީއާ އެކުއެވެ. ޖޭޕީއަކީ ތިންވަނައަށް އެންމެ ބޮޑު ޕާޓީއެވެ. ޖަލު ހުކުމެއްގެ ސަބަބުން 2018ވަނަ އަހަރުގެ އިންތިޚާބުގައި ވާދަނުކުރެއްވުނު ނަމަވެސް އަނެއް ދެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމް ވާދަކުރެއްވިއެވެ. ކޯލިޝަނަކާ ހަމައަށް އޭނާގެ ވިސްނުން އަނބުރާލަނީ ފުރަތަމަ ބުރަކުން ނާކާމިޔާބު ވާ ހިސާބުންނެވެ.

ފުރަތަމަ ބުރުން ގެއްލުނަސް، ދެވަނަ ބުރެއްގައި ވެސް ގާސިމްގެ ތާއީދު ރައީސަށް މުހިއްމެވެ. އެހެންވެ، މި ދައުރު ނިމެންދެން ޖޭޕީގެ މެންބަރެއްގެ މަގާމު ގެއްލުމަކީ ނާދިރު ކަމެކެވެ.

comment ކޮމެންޓް