ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދަތުރުކުރެއްވި ކާރުކޮޅު ހުއްޓުވާފައި--

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، މިހާރު ބަންދުގައި ތިބީ އޭގެތެރެއިން ތިން މީހުންނެވެ. މިއަދު ބަންދުން ދޫކޮށްލީ ގއ. ދެއްވަދޫ، އެސްޓަންވިލާ އަހުމަދު ސިނާން އާއި ށ. ބިލެތްފެހި، ޝޭޑީކޯނާ މަރިޔަމް މާޝާއެވެ.

އެ ދެ މީހުންގެ މައްޗަށް ކޮށްފައިވަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމާއި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމާއި، ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ.

އެ މީހުން ބަންދުން ދޫކޮށްލުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ ފުލުހުންގެ ފަރާތުން ހުށަހެޅި ސްނެޕްޝޮޓްތަކުން ހާދިސާ ހިނގި ގޮތަށް ބަލާއިރު، މި ކުށް ތަކުރާރުވުމުމުގެ ފުރުސަތު ކުޑަ ކަމަށާއި، ޝަރުތުކޮށްފައި ދޫކުރަން ނިންމައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމަށާއި އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލާއިރު އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނަ ކަމަށެވެ.

އެހެންކަމުން ގާޒީ މުހައްމަދު މިސްބާހް ވަނީ ޝަރުތުތަކަކާއެކު އެ ދެ މީހުން ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް ޞާލިޙްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ވަނީ މޮޓޯކޭޑު ވަށާލައި، އެ މަނިކުފާނުގެ ކާރުކޮޅު ހުއްޓުވައިފައެވެ.

އިދިކޮޅު ސަޕޯޓަރުން ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅީ ބޮޑުތަކުރުފާނު މަގުގައި އެ ޕާޓީގެ އޮފީސް ހުންނަ ސަރަހައްދުންނެވެ. އެތަނުގައި ފުލުހުންނާއި އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުން ދިޔައިރު، މޮޓޯކޭޑަށް އެތަނުން ދެވޭ ވަރުވީ 15 ވަރަކަށް މިނެޓު ފަހުންނެވެ.

comment ކޮމެންޓް