ގުރައިދޫ ދާއިރާގެ ބައިއިލެކްޝަނަށް ރީ-ރަޖިސްޓްރީ ވާން ހުޅުވާލައިފި

ގުރައިދޫ ދާއިރާގެ ބައިއިލެކްޝަނަށް ރީރަޖިސްޓްރީވާން ހުޅުވާލުން --

އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30ގެ ނިޔަލަށެވެ.

އިލެކްޝަނުން ބުނީ އެ މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ ކ.ގުރައިދޫ އާއި ކ.މާފުއްޓާއި އަދި ކ. ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަނި ކަމަށެވެ.

އޭގެ އިތުރުން މި ވަގުތު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓްލާން ބޭނުންވާ ނަމަ، އެ މުއްދަތުގެ ތެރޭގައި އެ މީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކުރަންވާނެ ކަމަށް އީސީން ބުންޏެވެ.

ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ނޫނީ އިލެކްޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ހާޒިރުވެ, ފޯމު ހުށަހަޅައިގެންނެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރުމަށް އިލެކްޝަން ކޮމިޝަނުން ދިން މުދަތު ހަމަވިއިރު، ތިން ސިޔާސީ ޕާޓީއަކުން ތިން ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އެއީ އެމްޑީޕީގެ އިބްރާހީމް ޝާޒު، އެމްއެންޕީގެ އަލީ އަރީފް އަދި އިދިކޮޅު ޕީޕީއެމުން ވާދަ ކުރާ ރިޒާގެ ކޮއްކޮ ހުސައިން ރިޒާއެވެ.

comment ކޮމެންޓް