450 އަށްވުރެ ގިނަ މީހުންނާއެކު ތަށިބަރި ކެމްޕޭން ކުރިއަށް

ރަމަޟާން މަހާ ދިމާކޮށް ވެސް ވެލްނަސް މެޓާސްއިން ތަށިބަރި ކެމްޕެއިން ލޯންޗުކޮށް ކުރިއަށް ---

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް ވެލްނަސް މެޓާސްއިން ތަށިބަރި ކެމްޕެއިން ލޯންޗުކޮށްފިއެވެ.

ވެލްނަސް މެޓާސްއިން ބުނީ މި ކެމްޕޭންގެ މަގްސަދަކީ ދަނޑުވެރިންގެ ހައްދާ މޭވާއާއި ތަރުކާރީއިން ފައިދާހުރި ކާނާ ތައްޔާރުކުރަން ދަސްކޮށްދިނުމާއި މޭވާ އާއި ތަރުކާރީ ވިއްކޭނެ މާކެޓުތައް ހޯދުން ކަމަށެވެ.

ވެލްނަސް މެޓާސްގެ ފިޓްނަސް ކޯޗު މިރްފަތު ފާއިޒް "ސަން"އަށް ވިދާޅުވީ މި އަހަރު މި ކެމްޕޭން ފެށިއިރު 10 އަތޮޅަކުން 20 ރަށެއްގެ 455 މީހަކު ބައިވެރިވާ ކަމަށެވެ. ނަމަވެސް މި އަދަދު ރަމަޟާން މަސް ނިމޭއިރު އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

"ދެން އަނެއް މަގްސަދަކީ ނެތިގެންދާ ތަށިބަރި ބަދަލުކުރުމުގެ އާދަ އަޅުގަނޑުމެންގެ ތެރޭ އިއާދަކުރުން . އޭގެ ތެރެއިން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި އަލުން މި އާދަ ދިރުވުން ހިމެނެ،" މިރްފަތު ވިދާޅުވިއެވެ.

ދަނޑުވެރިންގެ އިތުރުން ބައެއް ސްކޫލުތަކުން ވެސް މި ކަމުގައި ބައިވެރިވަމުން އަންނަ ކަމަށް ވެލްނަސް މެޓާސްއިން މައުލޫމާތު ދީފައިވެއެވެ.

ތަށިބަރީގެ އިތުރުން ސިއްހަތަށް ފައިދާހުރި ކާނާ ތައްޔާރުކުރާނެ ގޮތުގެ ރެސިޕީ ފޮތެއް ވެސް އެ ޖަމިއްޔާއިން ފޯރުކޮށްދީފައިވެއެވެ.

މިރުފަތު ވިދާޅުވީ އުންމީދަކީ ރަމަޟާން މަސް ނިމުނު ނަމަވެސް ތަށިބަރި ދިނުމުގެ ހަރަކާތް ކުރިއަށް ދިއުން ކަމަށެވެ.

ވެލްނަސް މެޓާސްއިން މި ވަގުތު ހިންގާ ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި 21 ދުވަހުގެ ފިޓް ޗެލެންޖާއި މޭކް އޯވާ ޕްރޮޖެކްޓުގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ގަސް އިންދުމުގެ ޕްރޮޖެކްޓެއް ވެސް ހިމެނެއެވެ. މި ގަސް އިންދުމުގެ ޕްރޮޖެކްޓު ކުރިއަށް ގެންދަމުން އަންނަތާ ފަސް މަސްވަނީ ވެފައެވެ.

ވެލްނަސް މެޓާސްއަކީ ޒުލްފާ ނަސީރުގެ އިސްނެގުމުގެ މަތިން މެލޭޝިއާގެ ވެލްނަސް އެކްސްޕާޓާ ގުޅިގެން އުފައްދައިފައިވާ ވެލްނަސް ކޯޗުންގެ މައްޗަށް އެކުލެވޭ އަމިއްލަ ކުންފުންޏެކެވެ.

comment ކޮމެންޓް