ރޯދަމަހަށް މާލެއާއި ހުޅުމާލޭގައި ވަގުތީ މާރުކޭޓުތަކެއް ހަދަނީ

މީހަކު ބާޒާރުކުރަނީ: ރޯދަމަހަށް މާލެއާ ހުޅުމާލޭގައި ވަގުތީ މާރުކޭޓުތަކެއް ހަދަން މަޝްވަރާކުރަނީ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

އަންނަ މަހު ފެށޭ ރޯދަމަހުގެ ތެރޭގައި ރައްޔިތުންނަށް އެއް ތަނަކުން ކާބޯތަކެތި ފޯރުކޮށްދިނުމަށް، މާލެއާއި ހުޅުމާލޭގައި ވަގުތީ މާރުކޭޓުތަކެއް ހަދަން އިކޮނޮމިކް މިނިސްޓްރީން މަޝްވަރާކުރަން ފަށައިފިއެވެ.

މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފުސީލުތައް ދެއްވައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، އެ ތަންތަނުގައި ވިޔަފާރި ކުރަން ހުޅުވާލާނީ އާންމު ވިޔަފާރިވެރިންނަށް ކަމަށެވެ.

އެގޮތުން، އެ މާރުކޭޓުތައް އަޅަން ނިންމާފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައިއާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައެވެ.

މިނިސްޓަރު ސައީދު: ރޯދަމަހަށް މާލެއާ ހުޅުމާލޭގައި ވަގުތީ މާރުކޭޓުތަކެއް ހަދަން މަޝްވަރާކުރަނީ --- ފޮޓޯ/ ރައީސް އޮފީސް

އެކަމުގެ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނައިރު، ކަމާ ބެހޭ އިދާރާތަކުން އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ވަގުތީ މާރުކޭޓުގެ އިތުރަށް ސައީދު ވަނީ ރޯދަ މަހު ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް އެސްޓީއޯއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އެގޮތުން، ބާޒާރުގައި ހުންނަ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށްވުރެ ބޮޑަށް އިސްކަންދޭނީ ބޮޑުވާނެ ބާވަތްތަކުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ކަމަށާއި އެއީ މުޅިން ދެ ވާހަކައެއް ކަމަށް އެނާ ވިދާޅުވިއެވެ.

އެސްޓީއޯއާ ގުޅިގެން ރޯދަ މަހުގެ ތެރޭގައި ރައްޔިތުންނަށް އަސާސީ މުދާ ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، އެއް ގައުމަކުން ނުލިބޭނަމަ، އެހެން ގައުމަކުން ގެނެސްގެން ވިޔަސް އެ ބާވަތެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އެބަ ގެންގުޅޭ 134 އައިޓަމެއް، އަސާސީ ކާބޯތަކެތީގެ ކެޓަގަރީގައި، ހައްސާސް ބާވަތްތައް. މިސާލަކަށް ދިވެހިންގެ ކެއިންބުއިމުގައި ބޭނުން ކުރާ އައިޓަމްތަކުގެ ތެރޭގައި އެބަހުރޭ ކޮންމެހެން ހުންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ ތަކެތި

އެ ބާވަތްތަކުގެ އަގުތައް ބޮޑުވާނަމަ، އެސްޓީއޯއިން ބާޒާރަށް އެ ބާވަތްތައް ނެރޭނެކަން ސައީދު ފާހަގަކުރެއްވިއެވެ.

މިފަހުން ކާށީގެ އަގު ބޮޑުވުމުން އެސްޓީއޯއިން ވަނީ ކާށި ބޭރުން ގެނެސް، ބާޒާރަށް ނެރެފައެވެ. އޭގެ އިތުރަށް ހަތަރު ކެޓެގެރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ، އަސާސީ ކާބޯތަކެއްޗާއި ތާޒާ ތަރުކާރީއާއި މޭވާއާއި ޕްރޮސެސްޑް ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެއްޗެވެ.

comment ކޮމެންޓް