ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް އެންމެ މުހިންމު އަމާޒަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ، ރާއްޖޭން މިއަދު ކާބޯތަކެތި ހޯދުމުގައި ބޭރު ގައުމުތަކުގެ މައްޗަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެހެންވެ، ރައީސް މުއިއްޒުގެ އެއްފަދައިން ކާބޯތަކަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ކާބޯތަކެތީގެ މިނިވަންކަން ހޯދުމަކީ ހަމައެކަނި އިގުތިޞާދީ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ، މި ގައުމުގެ އަމިއްލަވަންތަކަމާއި ދިވެހި ކާނާގެ ސަގާފަތް ދެމެހެއްޓުމާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި، ދުޅަހެޔޮ މުސްތަގުބަލެއް ކަށަވަރުކޮށްދިނުންކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ.
ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ވަރަށް ފުން މާނައެއް އެކުލެވޭ ހަގީގަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދިވެހި މުޖުތަމަޢަށް ބަލާއިރު، ޒަމާނުއްސުރެ ދިވެހިން ދިރިއުޅެމުން އައީ އަމިއްލަ ފުދުންތެރިކަމުގެ މައްޗަށް ކަމަށާއި ކޮންމެ ރަށެއްގައި ވެސް އޮންނަ ދަނޑުބިންތަކާއި، ކަނޑުގެ މުއްސަނދިކަމާއި، ގޯތިތެރޭގައި ހައްދާ ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީއަކީ މީގެ ހެއްކެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަމިއްލައަށް ކާނާ އުފެއްދުމުގެ ގާބިލުކަން ހޯދުމަކީ ޙަގީގީ މިނިވަންކަމުގެ ފެށުން. އަދި, އެއީ ރައީސްގެ ވިޝަންގައިވާ ފަދައިން، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ ވަރުގަދަ ބިންގަލެއް, ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ
ފާހަގަކޮށްލެވޭ ގޮތުގައި މި ފަހުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ބޭރުން ކާށި ގެނެސްގެން ރޯދައަށް އަގުހެޔޮކޮށް ވިއްކާނެކަން އިއުލާނުކުރުމުން ވެސް ފާޑުކިޔުން އަމާޒުވިއެވެ. ރާއްޖެއިން ލިބެން ހުންނަ ބާވަތްތައް ވެސް ރާއްޖެއިން ބޭރުން އިމްޕޯޓުކުރަން ޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.