މި އަހަރުގެ މިހާތަނަށް ދައުލަތުން 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއީ މިދިޔަ އަހަރު ކުރި ހޭދައާ ބަލާއިރު ތިން ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ރިކަރެންޓު ޚަރަދުތަކަށެވެ. އެގޮތުން މުސާރައާއި އެލަވަންސްތަކާއި އިދާރީ ހިންގުމުގެ ޚަރަދަށް ޖުމްލަ 6.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކި ދަތުރުތަކަށް 41 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ)ގެ ޚަރަދުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރާ ބަލާއިރު ސިއްހީ ދާއިރާއާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރި ހޭދަ މަދުވެފައިވީ ނަމަވެސް އެހެން ކަންކަމަށް ކުރި ހޭދަ ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ.
އެގޮތުން ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރުމަށް 786.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރުވުމެކެވެ.
އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ އެއާޕޯޓުތައް ތަރައްގީކުރުމަށެވެ. މިދިޔަ އަހަރު 22.3 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް މި އަހަރު، އަހަރުގެ މިހާތަނަށް 333.8 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.
ކެޕިޓަލް ޚަރަދުގެ ގޮތުގައި ތިން ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.
އާމްދަނީގެ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބިފައިވަނީ 7.1 ބިލިއަން ރުފިޔާއެވެ.
އޭގެ ތެރެއިން 5.7 ބިލިއަން ރުފިޔާއަކީ ޓެކުހުން ލިބުނު އާމްދަނީއެވެ.