މެނިފެސްޓޯ އެކުލަވައިލަން ނަޝީދު ފެކްޝަންގެ އިތުރު ބައްދަލުވުމެއް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް މެންބަރުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މި ކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އެނގިފައިވާ ގޮތުގައި ރޭ ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމަކީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވައިލުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރިޔާސީ އިންތިޚާބަށް އެކުގައި ތިބުމަށް ކޯލިޝަން ޕާޓީތަކަށް ދައުވަތު ފޮނުވާފައިވަނިކޮށް، ނަޝީދު ވަނީ އެ މަނިކުފާނާ އެކު އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވައިފައެވެ.

އެހެންވެ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ސަރުކާރު ހިންގާ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މަސައްކަތް ކުރައްވަން އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

ފިކުރެއްގެ ދިރުމާއި ޖޭޕީ ގުޅެން ނިންމައި، އެކުގައި މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. އެ ގޮތުން، ބުދަ ދުވަހުގެ ރޭ ވަނީ އެ ކަމުގެ އެންމެ ފުރަތަމަ މަޝްވަރާތައް ޖޭޕީގެ މައި އޮފީސް މއ. ކުނޫޒުގައި ކުރިއަށް ގެންގޮސްފައެވެ.

މި އަހަރުގެ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާއިރު، މެނިފެސްޓޯއެއް އެކުލަވާލުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

އެހެންވެ، ރޭގެ ބައްދަލުވުމަކީ 'ފިކުރެއްގެ ދިރުން' ފެކްޝަންގެ ފަރާތުން މެނިފެސްޓޯގައި ހިމަނަން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެ މަސައްކަތް ކުރަން ބޭއްވި ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ރައީސް ޞާލިޙާ އެކު ރިޔާސީ ރޭހަށް ނުކުތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަކޮށްފައެވެ. އެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެންބަރުން ވަނީ އެމްޑީޕީގެ ރަސްމީ ޕާލިމަންޓްރީ ގްރޫޕާ ވަކިން މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ.

comment ކޮމެންޓް