ޕްލޭލިސްޓްތައް އޮޅުވާލާ ބަގެއް އައިއޯއެސްއިން ފެނިއްޖެ

އައިއޯއެސްގެ އެޕަލް މިއުޒިކުގައި މީހުންގެ ޕްލޭލިސްޓްތައް މިކްސްކޮށް, އޮޅުވާލާ ބަގެއްގެ އުނދަގޫ ފޯރަމުން ދާ ކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.

އެޕަލް މިއުޒިކް ބަގްގެ ސަބަބުން، އެ އެޕް ބޭނުން ކުރާ މީހުންގެ މިއުޒިކް ލައިބްރަރީތަކުން ތަފާތު ޕްލޭލިސްޓްތައް ފެންނައިރު އަނެއް ބަޔަކަށް އެ މީހުންގެ ޕްލޭލިސްޓްތަކަށް ނުވަދެވޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

އައިއޯއެސްގައި އެޕަލް މިއުޒިކް ބޭނުންކުރާ މީހުންނަށް ދިމާވެފައިވާ މި ބަގުގެ މައްސަލައާ ބެހޭގޮތުން ރެޑިޓްގައި ބައެއް މީހުން ވާހަކަ ދައްކާފައިވާއިރު، މިއީ ފުދޭވަރެއްގެ ސީރިއަސް ބަގެއް ކަމަށް އެމީހުން ގަބޫލުކުރެއެވެ.

އެޕަލްގެ އުފެއްދުންތަކާ ބެހޭ ގޮތުން ރިޕޯޓުކުރާ ނައިންޓުފައިވްމެކް އިން ވެސް ވަނީ، ބައެއް މީހުންގެ އަމިއްލަ ޕްލޭލިސްޓްތައް ގެއްލިގެން ނުވަތަ ޕްލޭލިސްޓަށް ބަދަލު އައިސްފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

މި މައްސަލަ ކުރިމަތިވެފައި ވަނީ ހަމައެކަނި އައިއޯއެސް އެޕަލް މިއުޒިކް އެޕަށް ކަމަށް ބެލެވޭއިރު، މިއީ އައިކްލައުޑްގެ މައްސަލައެއް ކަމަށް ވެދާނެކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. އެގޮތުން އައިއޯއެސް ބޭނުންކުރާ މީހުންގެ މެދުގައި ބައެއް ބާވަތްތަކުގެ ޑޭޓާ ބަދަލުކުރުމުން މިފަދަ މައްސަލަތައް ދިމާވެދާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މި މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި ބައެއް މީހުން ލިޔެފައި ވަނީ އައިކްލައުޑް ސިންކިން ޑިސޭބަލްކޮށް، ދެން އަލުން އެނެބަލް ކުރުމުން އެ މައްސަލަ ހައްލުވާ ކަމަށެވެ.

އެޕަލްގެ އައިކްލައުޑް ސިންކް ކުރުމުގައި މިފަދަ މައްސަލަތަކެއް މީގެ ކުރިން ވެސް ފެނިފައިވެއެވެ. އެގޮތުން އައިފޯން 13 ނެރުނުތާ މާގިނައިރުތަކެއް ނުވެ، އެހެން ފޯނަކުން ޑޭޓާ ޓްރާންސްފާ ކުރުމުން ބައެއް ޔޫޒަރުންނަށް މިއުޒިކް ލައިބްރަރީތަކަށް ނުވަދެވޭ ގޮތް ދިމާވިއެވެ. އަދި މިދިޔަ އަހަރު ވިންޑޯޒް އައިކްލައުޑް ބޭނުންކުރާ ފަރާތްތަކުން ވަނީ އެމީހުންގެ ފޮޓޯ ލައިބްރަރީތަކުގައި އެހެން ޔޫޒަރުންގެ ކޮރަޕްޓް ވީޑިއޯތަކާއި ތަސްވީރުތައް ފެންނަ ކަމުގެ ޝަކުވާކޮށްފައެވެ.

އެންމެ ފަހުގެ މައްސަލައާ ގުޅޭ ގޮތުން އެޕަލް އިން އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް މިކަމުގެ ޝަކުވާތައް އޮންލައިން ޕްލެޓްފޯމްތަކުގައި ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް