ސެމްސަންގް ފަހަތަށް ޖައްސާލުމަށްފަހު އެޕަލްއިން މާކެޓުގެ އެއްވަނަ ހޯދައިފި

ސްމާޓް ފޯނު ވިޔަފާރި މިއަހަރު ދަނީ ވަރަށް ދަށްކޮށް ---

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މެމޮރީ ޗިޕްގެ ދަތިކަމާއި ކަސްޓަމަރުން ފޯނު ގަންނަ މިންވަރު މަދުވުމުގެ ސަބަބުން ދުނިޔޭގެ ސްމާޓްފޯން މާކެޓް ހަ އިންސައްތަ ދަށަށް ގޮސްފައިވެއެވެ. ނަމަވެސް ކައުންޓަޕޮއިންޓް ރިސާޗުގެ ރިޕޯޓުން ދައްކާގޮތުގައި، އައިފޯން 17 އަށް ލިބުނު ބޮޑު ތަރުހީބާއެކު އެޕަލްއިން ވަނީ މާކެޓުގެ 21 އިންސައްތަ ހިއްސާ ހޯދައި އެއްވަނައަށް އަރާފައެވެ. ދެވަނައިގައި 20 އިންސައްތައާއެކު ސެމްސަންގް އޮތްއިރު ތިންވަނައިގައި އޮތީ ޝޯމީއެވެ. ކުރިއަށް އޮތް ތަނުގައި ކުންފުނިތަކުން ސޮފްޓްވެއާ ޚިދުމަތްތަކަށް ބޮޑަށް ބަރޯސާވާނެކަމަށް ލަފާކުރެވެއެވެ.

  • ދުނިޔޭގެ ސްމާޓްފޯން މާކެޓް ހަ އިންސައްތަ ދަށަށް ހިނގައްޖެ
  • އެޕަލްއިން 21 އިންސައްތަ ހިއްސާއާއެކު މާކެޓުގެ އެއްވަނަ ހޯދައިފި
  • ސެމްސަންގް 20 އިންސައްތައާއެކު ދެވަނައަށް ވެއްޓިއްޖެ
  • ގޫގްލް އަދި ނަތިންގް ބްރޭންޑަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ
  • މެމޮރީ ޗިޕްގެ ދަތިކަން 2027 އާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރޭ

މިހިނގާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދުނިޔޭގެ ސްމާޓްފޯން މާކެޓް ހަ އިންސައްތަ ދަށަށް ގޮސްފައިވީ ނަމަވެސް، ސެމްސަންގް ފަހަތަށް ޖައްސާލުމަށްފަހު އެޕަލްއިން މާކެޓުގެ އެއްވަނަ ހޯދައިފިއެވެ.

ކައުންޓަޕޮއިންޓް ރިސާޗުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން، މާކެޓް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ސްމާޓްފޯން އުފެއްދުމަށް ބޭނުންވާ މެމޮރީ ޗިޕް އަދި މެމޮރީ ސްޓޯރޭޖް ލިބުމުގައި ހުރި ދަތިތަކާއި، ކަސްޓަމަރުން ފޯނު ގަންނަ މިންވަރު މަދުވުމެވެ.

މީގެ އިތުރުން މެދުއިރުމަތީގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުންވެސް ވިޔަފާރިތަކަށް ވަނީ އަސަރުކޮށްފައެވެ.

އެޕަލްއިން ވަނީ މާކެޓުގެ 21 އިންސައްތަ ހިއްސާ ހޯދައި، ފަސް އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މިއީ އަހަރެއްގެ ފުރަތަމަ ކުއާޓަރުގައި އެޕަލްއަށް މާކެޓުގެ އެއްވަނަ ލިބުނު ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 17 އަށް އޮތް ބޮޑު ތަރުހީބާއި، އިންޑިއާ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ މާކެޓުތަކުގައި އެޕަލްގެ މަގުބޫލުކަން އިތުރުވުމެވެ.

ލިސްޓުގެ ދެވަނައިގައި އޮތް ސެމްސަންގަށް ލިބިފައިވަނީ މާކެޓުގެ 20 އިންސައްތަ ހިއްސާއެކެވެ. ސެމްސަންގްގެ ވިއްކުން ހަ އިންސައްތަ ދަށަށް ގޮސްފައިވަނީ އެ ކުންފުނީގެ އައު ފޯނު "ގެލެކްސީ އެސް26" ނެރުން ލަސްވުމުގެ ސަބަބުންނެވެ. ނަމަވެސް، މި ސީރީޒްގެ "އެސް26 އަލްޓްރާ" ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ތިންވަނައިގައި ޝޯމީ އޮތްއިރު، އެ ކުންފުނީގެ މާކެޓް ހިއްސާއަކީ 12 އިންސައްތައެވެ. މެމޮރީ ޗިޕްގެ ދަތިކަމުގެ އަސަރު އެންމެ ބޮޑަށް ކުރީ އަގުހެޔޮ ފޯނުތައް އުފައްދާ ޝޯމީ ފަދަ ކުންފުނިތަކަށެވެ.

ލިސްޓުގެ ހަތަރުވަނަ އަދި ފަސްވަނަ ލިބެނީ ޗައިނާގެ އޮޕޯ އަދި ވީވޯ އަށެވެ.

މީގެ އިތުރުން، ގޫގްލްގެ ފޯނުތަކުގެ ވިއްކުން 14 އިންސައްތަ އިތުރުވެފައިވާއިރު، ނަތިންގް ބްރޭންޑުން ވަނީ 25 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ކައުންޓަޕޮއިންޓުން ލަފާކުރާ ގޮތުގައި މެމޮރީ ޗިޕްގެ ދަތިކަން 2027 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ފޯނު އުފައްދާ ކުންފުނިތަކުން ބޮޑަށް ބަރޯސާވާނީ ސޮފްޓްވެއާ އަދި އެހެނިހެން ޚިދުމަތްތައް ފުޅާކުރުމުގެ މައްޗަށެވެ.

comment ކޮމެންޓް