މި އަހަރުގެ ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާ ކުރަން އެމްޑީޕީގެ ފަރާތުން މަންދޫބުން ކަނޑައަޅާނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކަމަށް ބުނެ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ދެ މަންދޫބުން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމާއި ގުޅިގެން، ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި ރޭ ބޭއްވި އެ ބައްދަލުވުމުގައި ނަޝީދުގެ މަންދޫބުންގެ ގޮތުގައި ބައިވެރިވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ އެންމެހާ މަޝްވަރާތައް އެމްޑީޕީގެ ފަރާތުން ކުރުމުގެ އެންމެހާ ބާރެއް އެ ޕާޓީގެ ގައުމީ މަޖިލީހުން ދީފައި ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށެވެ.
"މި ކަމަށް ޕާޓީގެ ފަރާތުން މަންދޫބުން ކަނޑައަޅާނީ ވެސް ރިޔާސީ ކެނޑިޑޭޓް. އެ ކަން ހުރިހާ ޕާޓީތަކަށް ވެސް އެނގޭނެ،" ނިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބު ވުމަށް ފަހުގައި ވެސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސާ އެކު އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ. އެހެންވެ، މި އަހަރުގެ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖޭޕީއާ އެކު މަސައްކަތް ކުރަން އެ މަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.