ފައިޙުގެ ބަންދަން 30 ދުވަސް ޖަހައިފި

ފުލުހުން ހޯދަމުން ދިޔަ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިޙް ނިޒާމް--- ފޮޓޯ/ ފުލުހުން

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަމުން ދިޔަ ސ. މަރަދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙު ނިޒާމް 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލައިގައި، ފައިޙު ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ ފަހަރަށް އިއުލާނުކުރީ މި މަހުގެ 15 ގައެވެ.

ފުލުހުން އޭރު ބުނީ އެހާތަނަށް ކުރި މަސައްކަތުގެ ތެރެއިން އޭނާ ފެނިފައި ނުވާ ކަމަށެވެ.

އޭނާ ހޯދަން ކުރި މަސައްކަތުގެ ތެރެއިން އޭނާ ފޮރުވައިގެން އުޅޭކަމުގެ ތުހުމަތުގައި ގޭންގެއްގެ ބަޔަކު ހައްޔަރު ވެސް ކުރިއެވެ. އޭގެ ތެރެއިން އެއް ބައި މީހުން ދޫކޮށްލާފައިވާއިރު، ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފައިޙު ފުލުހުންނާ އިއްޔެގެ ވަގުތެއްގައި އަމިއްލައަށް ހަވާލުވީ، އޭނާ ހޯދަން ފުލުހުން މާލޭގައި ބޮޑު އޮޕަރޭޝަނެއް ހިންގިތާ އިރުތަކެއް ނުވަނީހެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިޙުއަކީ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މިދިޔަ މަހު ޒުވާނަކު މަރާލި މައްސަލައިގައި ހޯދަމުން ދިޔަ މީހެކެވެ.

comment ކޮމެންޓް