ރިޔާސީ އިންތިޚާބު ރައީސަށް ކާމިޔާބުކޮށްދޭނީ އެއްބުރުން: ސިޔާމް

ކޯލިޝަން މަޝްވަރާއަަށް މުލީއާގޭގައި ރައީސާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ސިޔާމް ވާހަކަދައްކަވަނީ --ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް އެއްބުރުން ކާމިޔާބުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމައިފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ކޯލިޝަން މަޝްވަރާއަަށް މުލީއާގޭގައި ރައީސާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމަކީ އެމްޑީއޭއިން ރައީސް ޞާލިހާއެކު މަސައްކަތްކުރައްވަން ނިންމުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުންކަމަށެވެ.

ސިޔާމް ވިދާޅުވީ ރައީސް ޞާލިހަށް ތާއީދުކޮށް އެމްޑީޕީއާއެކު ހަދާ ކޯލިޝަން ކާމިޔާބުވެދާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަަމަ ފުރަތަމަ ބުރުން، އިރާދަކުރެއްވިޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިވެހި ރާއްޖޭގެ ވެރިކަމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން. އެ ކަމުގެ ޔަގީންކަން އަަޅުގަނޑުމެންނަށް އެބައޮތް،" ސިޔާމް ވިދާޅުވިއެވެ.

ރައީސާއެކު ކޯލިޝަން ހަދަން ނިންމެވި ސަބަބު ހާމަކުރައްވަމުން ސިޔާމް ވިދާޅުވީ، ފާއިތުވި 25 އަހަރުގެ ތެރޭ އޭނާއަށް ފެނިވަޑައިގަތް ވެރިކަންތަކުގެ ތެރެއިން އެންމެ އަދުލުވެރި އަމާން ވެރިކަމެއް އެކި ގޮންޖެހުންތަކާއެކު ކުރެއްވި ބޭފުޅަކީ ރައީސް ޞާލިޙު ކަމަށެވެ.

އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ފާހަގަކުރާ ރަނގަޅު މިސާލެއްގެ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމުގައި ރައީސް ޞާލިހުގެ މި ސަރުކާރުން ނަމޫނާ ދެއްކި ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އެހެންވީމާ އެ ފަދަ ހިތްތިރި، ރަނގަޅަށް ރާއްވަވައިގެން މަސައްކަތްކުރެއްވި ރައީސެއް. އެހެންވީމާ އެގޮތުން އަޅުގަނޑުމެންގެ ޕާޓީގެ ގިނަ މެމްބަރުން، ކައުންސިލް މެމްބަރުން ދެކުނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއެކު ކޯލިޝަން ހެދުމައިގެން ކުރިއަށް ގެންދަން،" ސިޔާމް ވިދާޅުވިއެވެ.

މުލީއާގޭގައި މިއަދު ހަވީރު އޮތް ބައްދަލުވުމުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމައިފައިވާ އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެލެއްވިއެެވެ. އޭގެ އިތުރުން އެމްޑީޕީގެ ޗެއާ ޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެލެއްވިއެވެ.

މިއީ އެމްޑީއޭއިން އެމްޑީޕީއާއެކު މަސައްކަތްކުރަން ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމްޑިއޭއިން އަބަދުވެސް މަސައްކަތްކޮށްފައިވަނީ އެމްޑީޕީއާ ދެކޮޅު ޕާޓީއެއްގެ ގޮތުގައެވެ.

comment ކޮމެންޓް