ރައީސްގެ ސެކިއުރިޓީއާ ހަވާލުވެހުންނެވި ކޮމާންޑަރު ސަސްޕެންޑު ކޮށްފި

ސެކިއުރިޓީ ޔުނިޓާ ހަވާލުވެހުންނެވި ސިފައިންގެ އިސްވެރިޔާ، ކާނަލް އަބްދުﷲ އިބްރާހިމް--- ސަން ފޮޓޯ

އިދިކޮޅުން ރޭ ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުރަސްއެޅި މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ޔުނިޓާ ހަވާލުވެހުންނެވި ސިފައިންގެ އިސްވެރިޔާ، ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑު ކޮށްފިއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް ޞާލިހްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ވަނީ މޮޓޯކޭޑު ވަށާލައި، އެ މަނިކުފާނުގެ ކާރުކޮޅު ހުއްޓުވައިފައެވެ.

ޕީޕީއެމް ދިދަ ހިފައިގެން، ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ ރައީސްގެ މޮޓޯކޭޑު 15 މިނެޓު ވަންދެން ހުއްޓުވަައި ބާއްވައިފައެވެ.

އެ މައްސަލަ އެމްއެންޑީއެފްއިން ބަލަމުންދާއިރު އެނގިފައިވާ ގޮތުގައި ކާނަލް އަބްދުﷲ ސަސްޕެންޑު ކުރުމަށްފަހު އެ ޔުނިޓް ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ކޮމާންޑަރު މޭޖާ އަޙްމަދު ހަލީމާއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއިން ވެސް ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އެގޮތުން، އެ މައްސަލައިގައި ކަން ހިނގި ގޮތް އިތުރަށް ސާފު ކުރަން، މައްސަލަ ހިނގާ ދިޔަ ގޮތުގެ އިންސިޑެންޓް ރިޕޯޓު ހޯދަން ކޮމެޓީއިން ވަނީ ނިންމާފައެެވެ.

މިފަދަ ހާދިސާތަކާ ގުޅޭގޮތުން ކޮމާންޑަރު ބަދަލު ކުރުމަކީ އާއްމު ކަމެކެވެ. ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް އެ މަނިކުފާންގެ ސެކިއުރިޓީއާ ހަވާލުވެ ހުންނެވި ސިފައިންގޭގެ ކޮމާންޑަރު މަގާމުން ދުރުކުރިއެވެ.

comment ކޮމެންޓް