ރަޝިއާގެ ވައިގެ ސަރަހައްދާ ގާތްވާން އުޅުނު އެމެރިކާގެ ސްޓްރެޓީޖިކް ދެ ޖެޓަށް ހުރަސްއަޅައިފި

އެމެރިކާގެ ބީ 52 މަރުކާގެ ބޮންބާ އެއް

މޮސްކޯ (21 މާޗް 2023): ރަޝިއާގެ ހުޅަނގު އުތުރުން އޮންނަ ބޯލްޓިކް ކަނޑުގެ މަތިން ރަޝިއާގެ ސަރަހައްދާ ގާތްވާން މަސައްކަތްކުރި އެމެރިކާގެ ބޮންއަޅާ ސްޓްރެޓީޖިކް މަތިންދާބޯޓުތަކަކަށް ރަޝިއާ ހުރަސްއަޅައިފިއެވެ.

ރަޝިއާގެ ނޫހެއްކަމަށްވާ ޓާސް އިން ބުނާގޮތުން އެމެރިކާގެ ސްޓްރެޓީޖިކް ބޮންބާގެ ޖެޓްކަމަށްވާ ބީ 52 އެޗް މަރުކާގެ ދެ ޖެޓަށް ހުރަސްއެޅީ ރަޝިއާގެ އެސްޔޫ 35 މަރުކާގެ ފައިޓާޖެޓް ތަކަކުންނެވެ. ހުރަސްއެޅުމުން އެމެރިކާގެ ދެ ބޮންބާގެ މިސްރާބު ރަޝިއާގެ ސަރަހައްދާ ދުރަށް ޖެހުނުކަމަށްވެސް ޓާސް ބުނެއެވެ.

ޔުކްރޭން ހަނގުރާމަ ދިގުލައިގެންދާއިރު އެމެރިކާއާއި ރަޝިއާގެ އަސްކަރީ ކުރިމަތިލުންތައްވަނީ ފެންނަން ފަށާފައެވެ. މިމަހުގެ 14 ވަނަ ދުވަހު ރަޝިއާގެ ދެކުނުން އޮންނަ ކަޅުކަނޑުގެ މަތިން އުދުހުނު އެމެރިކާގެ އަސްކަރީ ޑްރޯނެއްވަނީ ރަޝިއާގެ ފައިޓާޖެޓެއްގައި ޖެހިގެން ވެއްޓިފައެވެ. އެމެރިކާގެ ޑްރޯން ވެއްޓުނީ އެޑްރޯން ރަޝިއާއާ ދިމާއަށް މިސްރާބުޖެހުމާއެކު ރަޝިއާގެ އެސްޔޫ-27 މަރުކާގެ ދެ ފައިޓާޖެޓުން އެ ޑްރޯނަށް ހުރަސްއެޅުމުގެ ތެރޭގައެވެ.

ރަޝިއާގެ އެސްޔޫ-35 މަރުކާގެ ފައިޓާޖެޓެއް

މިހާދިސާގައި ރަޝިއާގެ ފައިޓާޖެޓްތަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އެމެރިކާގެ ޑްރޯންވަނީ ކަޅުކަނޑަށް ވެއްޓިފައެވެ. ރަޝިއާ ބުނާގޮތުން ރަޝިއާގެ ފައިޓާޖެޓްތަކުން އެމެރިކާގެ ޑްރޯނަށް ހުރަސްއެޅީ ކަޅުކަނޑުގެ މަތިން ރަޝިއާގެ ވައިގެ ސަރަހައްދީ ރޮނގާ ގާތްގަނޑަކަށް 40 ކިލޯމީޓަރާ ގާތްވުމުންނެވެ.

އަނެއްކޮޅުން އެމެރިކާ ގެންދަނީ ރަޝިއާއާ ހަނގުރާމަކުރުމަށްޓަކައި ޔޫރަޕްގެ ގައުމުތައް ލައްވައި ޔުކްރެއިންއަށް އަސްކަރީ ފައިޓާޖެޓް ފޮނުވަން މަސައްކަތް ކުރަމުންނެވެ. ރަޝިއާ ބުނާގޮތުން މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ޔުކްރެއިނަށް ފޮނުވާ ހަނގުރާމައިގެ ޖެޓްތައް ހަލާކުކޮށްލާނެކަމުގެ އިންޒާރުވެސް ރަޝިއާވަނީ ދީފައެވެ.

ބޯލްޓިކް ކަނޑުގެ މަތިން އެމެރިކާގެ ދެ ބޮންބާ (ބޮންއަޅާ ސްޓްރެޓީޖިކް ދެ ޖެޓް) އަށް ރަޝިއާ ހުރަސްއަޅާފައި މިވަނީ ޗައިނާގެ ރައީސް ޝީޖިންޕިން ރަޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މޮސްކޯގައި އުޅުއްވަނިކޮށެވެ. އެހެންކަމުން އެމެރިކާގެ މިއަމަލަކީ ޗައިނާއަށްވެސް ދިން އިންޒާރެއްކަމަށްވަނީ ބެލެވިފައެވެ.

ބޯލްޓިކް ކަނޑު

ޗައިނާގެ ރައީސްވަނީ ޗައިނާއިން ރަޝިއާއާއެކު ސްޓްރެޓީޖިކް ލެވެލްއަށް ގުޅުންތައް ބަދަހިކުރަމުން ގެންދާކަން ހާމަކުރައްވާފައެވެ. އަދި އެމެރިކާގެ ހަމައެކަނި ބާރާއި ނުފޫޒުއޮންނަގޮތަށް އެމެރިކާއާއި ޔޫރަޕް ގުޅިގެން ދުނިޔެ ބައްޓަންކޮށްފައިވާ މިހާރުގެ ބައިނަލްއަގްވާމީ ނިޒާމު އުވާލައި ގިނަބާރުތަކެއް ހިމެނޭ އިންސާފުވެރި އަދި ހުރިހާ ގައުމުތަކެއްގެ މަސްލަހަތުތައް ހިމާޔަތްކުރާ ނިޒާމެއް އުފައްދަން ރަޝިއާއާއެކު މަސައްކަތް ކުރަމުންގެންދާކަންވެސް ޗައިނާގެ ރައީސްވަނީ ހާމަކުރައްވާފައެވެ.

ޗައިނާއާއި ރަޝިއާގެ ގުޅުންތައް ބަދަހިވަމުންދާތަން އެމެރިކާއާއި އެމެރިކާގެ ކޮންޓްރޯލްއޮންނަ ޔޫރަޕްގެ ގައުމުތަކުން ބަލަމުންގެންދަނީ ކަންބޮޑުވުމާއި ޝައްކުގެ ނަޒަރަކުންނެވެ. އެމެރިކާ ގެންދަނީ އެމެރިކާއާ އެތަށް ހާސް ކިލޯމީޓަރެއްގެ ދުރުގައިވާ ރަޝިއާއާ އިންވެގެންވާ ގައުމުތަކަށް އައިސް އެގައުމުތަކުގައި އަސްކަރީ ބޭސްތައް ބިނާކުރަމުންނެވެ.

ޔުކްރެއިންއަށް ރަޝިއާ އަރައިގަތީވެސް ޔުކްރެއިން އަށް އެމެރިކާވަދެ ޔުކްރެއިން ބޭނުންކޮށްގެން ރަޝިއާ ވަށަލުމަށް އެމެރިކާ ރާވަމުންދިޔަ ރޭވުންތައް ހުއްޓުވުމަށް ކަމަށް ރަޝިއާ ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް