ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ 241 ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީުގެ 241 ކޮމިޓީ މުގައްރިރު ހިތަދޫ އުތުރު މެމްބަރު މުހައްމަދު އަސްލަމް އަދި ގަލޮޅު އުތުރު މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ރޭ ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުރަސްއެޅި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހަޅައިފިއެވެ.

އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން، އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވަނީ ކޮމިޓީގެ އިސްނެގުމުގެ މަތިން ކަމަށެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ރައީސްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުރަސްއަޅާފައި ވަނީ ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައިވަނީ ރޭ ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލެއްވުމަށްފަހު ރައީސް އެނބުރިވަޑައިގެންނެވި ވަގުތެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުމަކީ ޖިނާއީ ކުށެކެވެ.

ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމަކީ 241 ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

comment ކޮމެންޓް