އިދިކޮޅު މުޒާހަރާގެ ބައިވެރިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފި

ރައީސްގެ މޮޓޯކޭޑަށް އިދިކޮޅުން ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް ---

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޯޓޯކޭޑަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން މިރޭ ހުރަސްއަޅައިފިއެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން އަންނަނީ މަގުތަކުގައި މުޒާހަރާކުރަމުންނެވެ. އެގޮތުން މިރޭގެ މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅާފައި ވަނީ ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. އަދި ޕީޕީއެމްގެ ދިދަ ހިފައިގެން ތިބި މުޒާހަރާގެ ބަައިވެރިން ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތް ކުރާ މަންޒަރުވެސް ފެނެއެވެ.

އިދިކޮޅު މުޒާހަރާގެ ބައިވެރިންގެ ހުރަސްއެޅުމާއެކު ރައީސްގެ މޮޓޯކޭޑަށް ކުރިއަށް ނުދެވި ވަނީ އެ ހިސާބުގަައި އިރުކޮޅެއް ވަންދަން މަޑުކުރަން މަޖުބޫރުވެފައެވެ.

މި މައްސަލައިގައި އިދިކޮޅު ބައެއް ސަޕޯޓަރުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

ޕީޕީއެމްގެ ވަކީލަކު "ސަން"އަށް ވިދާޅުވީ އޭނާ ހައްޔަރުކުރީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުމުގެ ތުހުމަތުގައެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ މި މައުލޫމާތު ކަށަވަރެއް ނޫނެވެ.

މުޒާހަރާގެ ބައިވެރިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައި މިވަނީ މިރޭ ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލެއްވުމަށްފަހު ރައީސް އެނބުރިވަޑައިގެންނެވި ވަގުތެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނުގެ ބަހެއް ހޯދުމަށް "ސަން"އިން ކުރި މަސައްކަތުން، ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބެއެވެ.. ރައީސްގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފްގެ ބަހެއް ވެސް މިހާތަނަށް ނުލިބެއެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުމަކީ ޖިނާއީ ކުށެކެވެ.

comment ކޮމެންޓް