ރިޒާގެ ތަޞައްވުރު އެނގޭނީ ޕީޕީއެމް ކެނޑީޑޭޓަށް، ގޮނޑި ކާމިޔާބުވާނެ: ޝިޔާމް

ޕީޕީއެމުން ގުރައިދޫ ދާއިރާގެ ގޮނޑިއަށް ކެމްޕޭން ކުރުމުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަން އިދިކޮޅު ޕީޕީއެމަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ތަޞައްވުރު އެންމެ ރަނގަޅަށް އެނގިލައްވާނީ ޕީޕީއެމްގެ ކެންޑީޑޭޓަށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގުރައީދޫ ދާއިރާގެ ބައި އިލެކްޝަނަށް ކެމްޕޭން ކުރަން ޕީޕީއެމުން މިހާރުވަނީ ދާއިރާގެ ތިން ރަށަށް ވެސް ދަތުރުކޮށްފައެވެ.

އެގޮތުން ކ. ގުރައިދޫ، ގުޅި، އަދި މާފުއްޓަށް ވެސް ޕީޕީއެމް ލީޑާޝިޕްގެ ބައެއް މެންބަރުންނާއި، އިންތިޚާބުގައި ވާދަކުރައްވާ ކެންޑީޑޭޓު ކުރީގެ މެންބަރު ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާ ވެސް ވަނީ އެ ދަތުރުގައި ބައިވެރިވެފައެވެ.

ދަތުރާ ގުޅޭ މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ދަތުރުގެ ތެރެއިން ފާހަގަވި އެންމެ މުހިންމު ކަމަކީ ދާއިރާގެ ރައްޔިތުންގެ ނަޒަރުގައި ކުރީގެ މެންބަރު ރިޒާއަކީ އެ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްތެރި ބޭފުޅެއްކަން ކަމަށެވެ.

ޕީޕީއެމުން ގުރައިދޫ ދާއިރާގެ ގޮނޑިއަށް ކެމްޕޭން ކުރުމުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

އެގޮތުން ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދެއްވައި، ބޭނުންތެރި މުހިންމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާއިރު ދެން ވެސް އެ ކަން ކޮށްދެއްވޭނީ ރިޒާގެ ތަޞައްވުރު އެނގޭ މީހަކަށް ކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ދާއިރާއަށް ޚިދުމަތް ކުރެއްވުމުގައި ގެންގުޅުއްވި ވިސްނުންފުޅާއި، ދާއިރާއަށް ކޮށްދެއްވަން ހުރި ކަންތައްތަކާއި، ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކުރަން ހުރި ކަންތައްތަކާއި ރިޒާގެ ވިސްނުންފުޅުގައި ހުރި ކަންތައްތައް އާއިލާގެ މެންބަރަކަށޭ އެ ކަންކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ. އެހެންވީމާ މި ލިބުނު ހިތާމައާ އެކު އާއިލާ ބޭފުޅަކު މި ގޮނޑިއަށް ކުރިމަތިލުމޭ އެންމެ ރަނގަޅު ގޮތަކީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާއަކީ ތައުލީމީ ގާބިލް ބޭފުޅެއް ކަމަށެވެ. ހުރިހާ ގޮތަކުން ވެސް އާއިލާ ބޭފުޅަކަށް މި ގޮނޑި ލިބުމަކީ މުހިންމު ކަމެއް ކަމަށް ދާއިރާގެ ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް އުންމީދު އެބައޮތް މި ގޮނޑިއާ ދޭތެރޭގައި. ހުސައިން ރިޒާގެ އެ ގާބިލުކަމާއި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ވިސްނުންފުޅާއެކީ މި ގޮނޑި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ،" ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމުން ގުރައިދޫ ދާއިރާގެ ގޮނޑިއަށް ކެމްޕޭން ކުރުމުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23ވަނަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ. ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޕީޕީއެމްގެ އިތުރުން މި ބައި އިލެކްޝަންގައި އެމްޑީޕީއާއި އެމްއެންޕީން ވެސް ވާދަކުރެއެވެ. އެމްޑީޕީން ވާދަކުރަނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރު އެ ވެސް އެ ޕާޓީގެ ގުރައިދޫ ދާއިރާގެ ރައީސް ކަމުގައި ހުންނެވި، އިބްރާހިމް ޝާޒެވެ. އެމްއެންޕީން ވާދަކުރައްވަނީ ކ. ގުރައިދޫ، އަލީ އާރިފެވެ. އޭނާއަކީ އެ ރަށު ސްކޫލުގެ ކުރީގެ ލީޑިން ޓީޗަރެކެވެ.

comment ކޮމެންޓް