ރޯދަ މަހު ދުވާލަކު ތިން ޓަނު ކަރާ ބާޒާރަށް ނެރޭނެ

މާލޭގެ ބާޒާރުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާން މަހު، ދިވެހީންގެ ޑިމާންޑު އެންމެ ބޮޑު، ކަރަލުގެ ދުވާލަކަށް މަދުވެގެން ތިން ޓަނު މާކެޓަށް ނެރޭނެ ކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނެފިއެވެ.

"ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އަޙްމަދު ޒަކީ ވިދާޅުވީ ރަމަޟަން މަހަށް އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް ތިން ޓަނު ކަރާ މާކެޓަށް ނެރެވޭ ކަމަށެވެ.

އެގޮތުން މި މަހުގެ 19، 20 އަދި 21 ގައި ވެސް ދުވާލެއްގެ މައްޗަށް ތިން ޓަނުގެ ކަރާ މާކެޓަށް ނެރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ ދުވާލެއްގެ މައްޗަށް ތިން ޓަނުގެ ކަރާ މާކެޓަށް ނެރެވުނު ނަމަވެސް، ބައެއް ދުވަސް ދުވަހު އަށް ޓަނުގެ ކަރާ ވެސް މާކެޓަށް ނެރެވޭނެ ކަމަށެވެ. އަދި މަދުން ނަމަވެސް ތިން ޓަނަށް ވުރެ މަދުން މާކެޓަށް ނެރެވޭ ދުވަސްތައް ވެސް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރޯދަ މަހު އެއްކޮށް 150 ޓަނަށް ވުރެ ގިނަ ކަރާ މާކެޓަށް ނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަ މަހު ދިވެހީންގެ އެންމެ ޚާއްސަ އެއް ކެއުމަކީ ކަރަލެވެ. އެގޮތުން ކަރަލަށް އޮތް ޑިމާންޑު ހިއްސާ ކުރައްވަމުން ޒަކީ ވިދާޅުވީ ކަރާ ގެންނަން، ދަނޑުވެރިންނަށް އޯޑަރު ދޭއިރު ވެެސް، އެ އޯޑަރު އޮންނަނީ ވިކި ހުސްވެފައި ކަމަށެވެ.

މި ވަގުތު އެގްރޯނެޓުން ކަރާ ކިލޯއެއް ހޯލްސޭލްކޮށް ޢާންމުންނަށް އަދި ވިޔަފާރިތަކަށް ވިއްކަމުން ދަނީ ކިލޯއެއް 18 ރުފިޔާގެ ރޭޓުންނެވެ. ކަރާ ގެންނަ ރަށްތަކުގެ ތެރޭގައި ގދ. ފިޔޯރި އަދި ތޮއްޑޫ ހިމެނެއެވެ.

ކަރާގެ އިތުރުން، ސްވީޓް ލެމަން އަދި ބާޓާނާއަށް ވެސް އޮންނަ ޑިމާންޑް ބޮޑުކަމަށް ޒަކީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މަހުގެ 19ވަނަ ދުވަހު އެކަނި ވެސް، މާކެޓަށް 200 ކިލޯގެ ބަޓާނާގެ އިތުރުން 700 ކިލޯގެ ސްވީޓް މެލަން މާކެޓަށް ނެރެފައިވާ ކަމަށެވެ.

ރަމަޟާން މަހާ ދިވެހިންނާ ގުޅޭ އެންމެ ޚާއްސަ އެއްކަމަށް ވާނީ ހަމަ ޔަގީނުން ވެސް ކަރަލެވެ. އެހެންވެ، ރޯދަ މަހު ކަރަލަށް އޮންނަ ޑިމާންޑު އަބަދު ވެސް ބޮޑެވެ.

comment ކޮމެންޓް