ދިރާގާއި މަމްސް އެއިޑް ގުޅިގެން ރަމަޟާން މަހު 100 އާއިލާއަށް އެހީވަނީ

ދިރާގުން މަމްސް އެއިޑަށް އެހީތެރިވުން --- ފޮޓޯ. ދިރާގު

ދިރާގާއި މަމްސް އެއިޑް ގުޅިގެން އެ ޖަމިއްޔާގެ 'ރަމަޟާން އެއިޑް' ކެމްޕެއިންގެ ދަށުން، މި އަހަރުގެ ރަމަޟާން މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމިއެވެ.

މަމްސް އެއިޑަކީ އަންހެނުން، ޚާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އުފެދިފައިވާ ޖަމިއްޔާއެކެވެ. 'ރަމަޟާން އެއިޑް' އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގާ މުހިންމު ޕްރޮގްރާމެކެވެ.

މި ކެމްޕެއިނާ ގުޅިގެން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ ރަމަޟާން މަހު ރާއްޖޭގައި، އެކި އެހީތެރިކަން ބޭނުންވެފައިވާ މައިންނަށް އެހީތެރިވުމުގެ ގޮތުން މަމްސް އެއިޑަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވަފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން މި ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަން،" ބިޝާރާ ހަމީދު ވިދާޅުވިއެވެ.

މި ކެމްޕެއިނާ ގުޅިގެން މަމްސް އެއިޑްގެ ޕްރޮގްރާމް ޑިރެކްޓަރ ފާތިމަތު އުމްރާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަމްސް އެއިޑްގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް މި ޕްރޮގްރާމުގެ ދަށުން އެހީތެރިވެވޭނެ ކަމަށެވެ. އަދި ދިރާގުން އެ ޕްރޮގްރާމަށް ދިން އެހީތެރިކަމަށް އުމްރާ ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.

"ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއަރ ޕެކޭޖްތައް އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންއަޅާލާ މައިންނަށް ފޯރުކޮށްދެވޭނެ،" އުމްރާ ވިދާޅުވިއެވެ.

މަމްސް އެއިޑްގެ 'ރަމަޟާން އެއިޑް' ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އާންމުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.

comment ކޮމެންޓް