ސައުދީ ރަސްގެފާނުގެ ރަސްމީ ދައުވަތު އީރާނުގެ ރައީސަށް!

ސައޫދީ ރަސްގެފާނާއި އީރާނުގެ ރައީސް

ތެހެރާން (20 މާޗް 2023) : އީރާނުގެ ރައީސް އިބްރާހީމް ރައީސީ، ސައޫދީއަށް ރަސްމީދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު، އަރުވައިފިއެވެ.

މިކަން ކަށަވަރުކޮށްދީފައި ވަނީ އީރާނުގެ ރިޔާސަތުންނެވެ. އީރާނުގެ ރިޔާސީ އޮފީހުގެ ސިޔާސީ ކަންތައްތަކާބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ މުހައްމަދު ޖަމްޝީދީ ވިދާޅުވީ މި ދައުވަތު އީރާނުގެ ރައީސްއަށް ލިބިވަޑައިގެންފައިވަނީ ސައޫދީ ރަސްގެފާނު ފޮނުއްވި ސިޓީފުޅެއްގައި ކަމަށެވެ. ސައޫދީ ރަސްގެފާނުގެ ދައުވަތު ގަބޫލުކުރައްވާކަމާ އަދި ދައުވަތު ދެއްވީތީ ޝުކުރުއަދާކުރާކަން ހާމަކުރައްވައި ސައޫދީ ރަސްގެފާނުގެ ސިޓީފުޅަށް އީރާނުގެ ރައީސް ޖަވާބު ދެއްވާފައިވާ ކަމަށް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ސައޫދީ ރަސްގެފާނުގެ ދައުވަތު އީރާނުގެ ރައީސަށް ލިބިވަޑައިގެންފައި މި ވަނީ ސައޫދީއާއި އީރާނުން އަލުން ގުޅުންތައް ގާއިމްކުރުމަށާއި އަދި ދެގައުމުގެ ދެމެދުގައިވާ ދެބަސްވުންތައް މަޝްވަރާގެ މަތިން ސުލަހްވެރިކަމާއެކު ހައްލުކުރުމުގެ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކުރިތާ ހަފުތާއެއްގެ ތެރޭގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މަގުފަހިކޮށްދީ ސައޫދީއާއި އީރާން ސުލްހަވެރި ކުރުވުމުގައި އިސް މެދުވެރިއެއްގެބައި އަދާކުރީ ޗައިނާ އިންނެވެ. ސައޫދީ ރަސްގެފާނުގެ ދައުވަތަކަށް އީރާނުގެ ރައީސް ސައޫދީއަށް ވަޑައިގަންނަވާނެ ތާރީޚެއް އީރާނުގެ މަސްއޫލުވެރިޔާ ހާމައެއް ނުކުރައްވައެވެ. ނަމަވެސް ވަރަށް އަވަހަށް އީރާނުގެ ރައީސް، ސައޫދީއަށް ވަޑައިގަންނަވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައޫދީ ރަސްގެފާނުގެ ފަރާތްޕުޅުން އީރާނުގެ ރައީސަށް ދައުވަތު ލިބިފައިވާއިރު ސައޫދީ ޚާރިޖީ ވަޒީރު އަލްއަމީރު ފައިސަލް ބިން ފަރުހާން ވަނީ އީރާނާއި ސައޫދީއާދެމެދު ސޮއިކުރި އެއްބަސްވުމުގައިވާކަންކަން ތަންފީޒު ކުރުމާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން އާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އީރާނުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ޗައިނާ އިސްކޮށް އޮވެގެން ސައޫދީއާއި އީރާން ސުލްހަ ކުރުވަނީ

އީރާނާއި ސައޫދީ އަލުން ސުލްހަވެ ގުޅުންތައް އުފެއްދުމަށް އެއްބަސްވި އެއްބަސްވުމުގައިވާ ކަންކަން އަދި މީޑީއާއަށް ހާމަވެފައެއް ނުވެއެވެ. ނަމަވެސް މި އެއްބަސްވުން ބިނާވެފައިވާ މައިގަނޑު ދެކަމުގެ ތެރެއިން އެއްކަމަކީ ސައޫދީއާއި އީރާނާދެމެދު ދެބަސްވުންތައް އުފެދިފައިވާކަންކަމާ އަދި ދެ ގައުމުންކުރެ ކޮންމެގައުމަކުން ވެސް ކަންބޮޑުވާކަންކަން ވާހަކަދައްކައިގެން ހައްލު ކުރުމެވެ. އަނެއްކަމަކީ ދެ ގައުމުގެ ދެމެދުގައި އިތުބާރު އުފެއްދުމާއި ސަރަހައްދުގައިވާ މައްސަލަތަކުގެ ތެރެއަށް ސަރަހައްދުން ބޭރު ގައުމުތައް ނުވެއްދުމެވެ.

ޗައިނާ އިސްވެ އޮވެގެން އީރާނާއި ސައޫދީ ސުލްހަ ކުރުވުމުގެ މާނައަކީ އެ ދެ ގައުމުގެ ދެމެދުގައިވާ ދެބަސްވުންތަކާއި ވާދަވެރިކަމާ އަދި ޚިލާފުތައް ކުއްލިއަކަށް ހައްލުވުމެއް ނޫނެވެ. ވާހަކަދައްކައިގެން މި މައްސަލަތައް ހައްލުކުރުމާއި ކުރިން ކަންތައްތައް ދިޔަގޮތަށް ދެގައުމުގެ ގުޅުންތައް ކެނޑި ދުޝްމަނުން އޭގެ ފައިދާ ނަގާ ހިސާބަށް މައްސަލަތައް ހޫނު ނުކުރުމެވެ.

މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ވުޖޫދު ބާއްވައިގެން ސަރަހައްދުގައި އިސްރާއީލަށްވުރެ ބާރުގަދަ ގައުމެއް ނޯންނަގޮތަށް މެދުއިރުމަތީގެ ބާރުގެ ތިލަފަތް ބައްޓަން ކުރުމެވެ.

އަދި އިސްރާއީލާ މެދު އެންމެބޮޑު ދުޝްމަންކަން ގެންގުޅޭ އަދި ފަަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް އެހީތެރިވާ އީރާން ބަލިކަށިކޮށް ނިކަމެތި ކުރުމެވެ. މިކަމަށްޓަކައި އެމެރިކާއިން އީރާނާ ދެކޮޅަށް 44 އަހަރު ވަންދެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވެސް އީރާން ބަލިކަށިކޮށް އިނދަޖައްސައެއް ނުލެވުނެވެ.

އަނެއްކޮޅުން އެމެރިކާއާއި އިސްރާއީލު ލަފާކުރިގޮތާ އަދި ރޭވިގޮތާ މުޅިން ޚިލާފަށް އީރާނުން ވަނީ ދެން އީރާނާ ނުކުޅެވޭފަދަ މަތިލެވެލްއަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީއާއި ޑްރޯންފަދަ ޒަމާނީ ހަތިޔާރުގެ ޓެކްނޮލޮޖީތައް ތަރައްގީ ކުރުމުގައި ކާމިޔާބު ހޯދާފައެވެ. ނަތީޖާއަކަށްވީ މެދުއިރުމަތީގެ އަސްކަރީ ބާރުގެ ތިލަފަތް ހަމަހަމަވުމެވެ. އަރަބި ގައުމުތަކަށް ހަމަލާދީފައި ސަލާމަތްވާގޮތުން އީރާނަށް ހަމަލާދީފައި ސަލާމަތް ނުވާނެ ކަން އިސްރާއީލަށް ކަށަވަރުވެ ޔަގީންވުމެވެ.

އިރާގުގެ ނިއުކްލިޔާ މަރުކަޒުތަކާއި ސޫރިޔާގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށް އެ ދެ ގައުމަށް ހަމަލާތައް ދިންގޮތަށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާތައް ދޭން އިސްރާއީލަށް ނުކެރެނީ އީރާނުން ރައްދުގައި އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެތީއެވެ. އަދި އެގާބިލްކަން އަމިއްލަ ޓެކްނޮލޮޖީގައި އީރާން ހޯދާފައިވާތީއެވެ.

އީރާނަށް ހަމަލާދޭން ނުކެރުމާއެކު އިސްރާއީލުން ކުރާކަމަކަށް ވެފައިއޮންނަނީ އީރާނަށް ހަމަލާދޭނެކަމަށް ބުނެ ހަރުކަށި އިންޒާރުތައް ދީގެން އިސްރާއީލުގެ ރައްޔިތުން ރުއްސުމެވެ. އަދި އިސްރާއީލަކީ ބާރުގަދަ ގައުމެއްކަން ބޭރުފުށުން ދެއްކުމެވެ. އިރާގާއި ސޫރިޔާފަދަ އަރަބި ގައުމުތަކުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުމުގެ ކުރިން އެކަމުގެ އެއްވެސް އިންޒާރެއް އިސްރާއީލުން ދީފައެއް ނުވެއެވެ. ހަމަލާތައް ދީފައި ވަނީ ކުއްލިއަކަށެވެ. ނަމަވެސް އީރާނަށް ހަމަލާދޭނެ ކަމަށް ބުނެ އިސްރާއީލުން އިންޒާރުތައް ދެމުން ގެންދާތާ ވަނީ ވިއްސަކަށް އަހަރުވެފައެވެ.

އަނެއްކޮޅުން އެމެރިކާއަކީ މައިގަނޑު ގޮތެއްގައި ހަތިޔާރު އުފައްދާ ގައުމަކަށްވާތީ އެމެރިކާގެ ބޭނުމަކަށް ވެފައިއޮތީ ސައޫދީއާއި އީރާން ޖައްސައިގެން އެ ދެ ގައުމު ފިތުނަވެރި ކުރުވައިގެން ސައޫދީއަށާއި ގަލްފުގެ ގައުމުތަކަށް އަބަދުވެސް ހަތިޔާރު ވިއްކާނެ ފުރުސަތު ހޯދުމެވެ. ޗައިނާ މެދުވެރިވެގެން އީރާނާއި ސައޫދީ ސުލްހަ ކުރުވުމުން މި ފުރުސަތު އެމެރިކާއަށް ކުޑަވެފައިވާއިރު އަލުން މި ދެ ގައުމު ޖައްސައި ސުލްހަ ނަގާލައި ސަރަހައްދަށް ހަތިޔާރު ވިއްކޭނެފަދަ ރޭވުންތަކެއް އެމެރިކާ ރާވާނެ ކަމަށް އީރާން ދެކެއެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި މެދުއިރުމަތީގެ އެންމެ ނުފޫޒުގަދަ ދެ ގައުމު ކަމަށްވާ އީރާން އާއި ސައޫދީ ސުލްހަ ކުރުވައިގެން ޗައިނާ މެދުއިރުމައްޗަށް މިހާރު ވަދެފައި މި ވަނީ އެ ސަރަހައްދުގެ އެންމެ ބޮޑު ދޮރޯށިންނެވެ. މިއީ އެމެރިކާއަށް ލަފާކުރެވިފައިވެސް ނުވާވަރުގެ ބޮޑު ގޮންޖެހުމެކެވެ. މާނައަކީ މެދުއިރުމަތީގެ ގައުމުތައް ސުލްހަކޮށް ސަރަހައްދުގެ ގައުމުތައް ތަރައްގީއާ ދިމާއަށް ގެންގޮސް އިންވެސްކޮށްދީގެން ޗައިނާ ބައްޓަންކުރަންފެށި އައުނިޒާމުގައި އެމެރިކާއަށް އެއްވެސް ގާޖައެއް ނެތުމެވެ. އެހެންކަމުން މިކަމާދެކޮޅަށް އެމެރިކާ ވަރަށް ހީލަތްތެރި ރޭވުންތަކެއް ރާވައި ސަރަހައްދު ގަޑުބަޑު ކުރަން މަސައްކަތް ކުރާނެއެވެ.

comment ކޮމެންޓް