ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ކްރިމިނަލް ކޯޓު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަގާމަށް އެދި ކުރިމަތިލުމުގެ ސުންގަޑި ކުރިއަށް އޮތް އޭޕްރީލް ހަތަރު ވަނަ ދުވަހުގެ 12:00އަށް ހަމަވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ އިނާޔަތްތަކާއިއެކު 48،300 ރުފިޔާއެވެ. އޭގެ ތެރޭގައި އަސާސީ މުސާރައިގެ ގޮތުގައި މަހަކު ލިބޭ 30،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ 3,300 ރުފިޔާއެވެ.

ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދަމުން ދަނީ އެ ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް ހައިކޯޓަށް އައްޔަނުކުރެވުމާ ގުޅިގެންނެވެ.

comment ކޮމެންޓް