''ސިމްސް'' ޕޯޓަލްއިން ޑިޖިޓަލް ލައިސެންސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިފި

--ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް ގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއެކު ރައްޔިތުންނަށް ހޯދައި ދިނުމުގެ މަގު ފަހިކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއިން ތައާރަފު ކުރި "ސިމްސް" ޕޯޓަލްއިން ޑިޖިޓަލް ލައިސެންސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީން ބުނީ، އީފާސް އެކައުންޓު ބޭނުންކޮށްގެން ސިމްސް ޕޯޓަލްއިން ޑިޖިޓަލް ލައިސަންސް ކޮންމެ އިރެއްގައިވެސް ބަލާލެވޭނެ ކަމަށެވެ.

ސިމްސް ޕޯޓަލްގައި ބޭނުންކޮށްފައިވާ އީފާސްއަކީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އީފާސް އެކައުންޓު ބޭނުންކޮށްގެން ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ. އީފާސް ބޭނުންކުރުމުން ކުރިން އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ އައިޑީ ކާޑުގައި ހިމެނޭ މަޢުލޫމާތުތައް ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ އީފާސްއިން ޚިދުމަތަށް ފަސޭހަކަމާއެކު އެދި، އެ އެޕްލިކޭޝަންގެ ކަންކަން ކުރިޔަށް ދާގޮތް ވަގުތުން ބެލޭގޮތަށް ވުމާއި ހުށަހަޅާ އެޕްލިކޭޝަންއަކީ ސައްހަ ތެދު މަޢުލޫމާތު ހިމެނޭ އެޕްލިކޭޝަނެއްކަން ދެނެގަނެވޭނެއެވެ.

މިނިސްޓްރީން ބުނީ، ކުރިން ލައިސަންސް ޚިދުމަތް ދެމުންދިޔައިރު ބައެއް ފަރާތްތަކުން ޑުރައިވިން ޓެސްޓުގައި ބައެއް މައްސަލަތައްދިމާވެ، ލައިސަންސް ލިބުމުގައި ދަތިތަކެއް ދިމާވެފައި ވާކަމަށެވެ. ނަމަވެސް އީފާސް މެދުވެރިކޮށް އޮތެންޓިކޭޓާގެ އެހީގައި ލައިސަންސްގެ ޚިދުމަތް ލިބިގަތުމުގެ ސަބަބުން އެ ޚިދުމަތަކީ ސައްހަ ހިދުމަތެއްކަން ޔަގީންކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުން ސިމްސް ޕޯޓަލްގައި ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 1374 ލައިސަންސް ވަނީ ދޫކޮށްފައެވެ. އެގޮތުން އިއްޔެގެ ނިޔަލަށް އަމަލީ އިމްތިހާން (ޑްރައިވިން) އާއި ގަވާޢިދު އިމްތިހާނު (ތިއަރީ) ހޯދުމަށް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށާއި އިއްޔެއާ ހަމައަށް ލައިސަންސް ހަދައި ދިނުމުގެ މަރުހަލާގައި ޚިދުމަތް ދެމުންދަނީ 54 ލައިސަންސްއަކަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް