ސްޕޯޓްސް އެވޯޑްސްގެ ކުޑަކުދިންގެ ހަވީރު މިއަދު ބާއްވައިފި

ޔޫތު މިނިސްޓްރީން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023އާ ގުޅިގެން ބައްވާ ކުޑަކުދިންގެ ހަވީރު މިއަދު އެކުވެނި ސަރަހައްދުގައި ބާއްވައިފިއެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި ކުޑަކުދިންގެ ހަވީރުގައި ވަނީ ސްކޫލުތަކުގެ ކުދިންގެ ނެށުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި ސަރުކާރުގެ ބައެއް މުއްސަސާތަކުން ވަނީ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން އެމްއެންޑީއެފްގެ ވެހިކަލްތައް ދައްކާލާ ތަފާތު ޔުނިފޯމުތައް ދައްކާލުމަށްޓަކާ، ޔުނިފޯމާއެކު ސިފައިން ހަރަކާތްތެރި ވިއެވެ. އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ، އަލިފާން ނިއްވަން ބޭނުންކުރާ އެކުންފުނީގެ ވެހިކަލް ދައްކާލާފައެވެ.

މި ހަވީރުގައި، މިފްކޯގެ ފަރާތުން ވަނީ، ލައިވް ކުކިން ޝޯއެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، މަސްދަޅު ބޭނުންކޮށްގެން ވަގުތުން ތައްޔާރު ކުރެވޭ ކާނާތައް ކުޑަކުދިން ލައްވާ ތައްޔާރުކުރުވިއެވެ. މީގެ އިތުރުން، ވިލާ ކޮލެޖުގެ ފަރާތުން ވަނީ ކުޑަކުދިންގެ ސިކުނޑި ހެދިބޮޑުވާ މިންވަރު ދެނެގަތުމަށް ވެސް ކުޅިވަރުތަކެއް ކުޅެފައެވެ.

ޔޫތު މިނިސްޓްރީން ވަނީ ސްޕޯޓްސް އެވޯޑާ ގުޅިގެން ބާއްވާ ކުޑަކުދިންގެ ހަވީރު މަހަކު އެއް ފަހަރު ބާއްވާ ގޮތައް ނިންމާފައެވެ. އެގޮތުން ހުޅުމާލެއާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް މިފަދަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސްޕޯޓްސް އެވޯޑާ ގުޅިގެން މާލޭ އެކުވެނި ސަރަހައްދުގައި މާދަމާ ވެސް ކުޑަކުދިންގެ ހަވީރު ބައްވާނެވެ.

comment ކޮމެންޓް