ގާސިމްގެ މަރުގެ މައްސަލަ: އަދުހަމަށް ޙުކުމް ކުރުން މާދަމާ

ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާ ލިބޭ އަދުހަމް މުޙައްމަދު --- (ސަން ފައިލް ފޮޓޯ)

ހުޅުމާލޭގައި ރަހުމްކުޑަކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާ ލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދަށް ޙުކުމް ކުރުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފިއެވެ.

ދިގުމިނުގައި ހަ އިންޗި ހުރި ވަޅިއަކުން ހަމަލާދީ އދ. މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން، 59، މަރާލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި އަދުހަމް މުޙައްމަދުގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައެވެ. އޭނާ، ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދައްކަން އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.

ދެހާސް ވިހިވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ދައުވާއަށް އިއުތިރާފުވިއެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭގެ ހަ ދުވަސް ފަހުން ބޭއްވި އަޑުއެހުމުގައި، އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް ބުނެ އޭނާ ދައުވާއަށް އިންކާރުކުރި އެވެ. އެއާއެކު، ކުރިން ހެދި އިއުތިރާފު އެއްބަސްވުން ވަނީ އުވިފައެވެ.

އިއުތިރާފު އެއްބަސްވުން އުވުނު ފަހުން އަދުހަމް ވަނީ ކުށަށް އިއުތިރާފު ވާން ބޭނުންވާ ކަމަށް ދެވަނަ ފަހަރަކަށް ބުނެފައެވެ. އެއާ އެކީ އޭނާގެ އަދަބު ލުއިކޮށްދޭން ވެސް އެދުނެވެ.

ނަމަވެސް މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ވަނީ، އިއުތިރާފުވުމުން އަދަބަށް ލުއި ދެވެނީ އިބްތިދާއީ މަރުހަލާގައި ކަމުން މައްސަލައިގެ ހެކިބަސް ނެގުމައިގެން ކުރިޔަށް ގެންދަން ނިންމފައެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ ގާސިމަށް ހަމަލާ ދިން ކަމަށް އެއްބަސްވެފައެވެ. އަދި ކަން ހިނގައިދިޔަގޮތް ވަރަށް ތަފްސީލްކޮށް އޭނައި ކިޔައި ވެސް ދިނެވެ.

އެކަމަކު އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެ ކުށުގެ ނިޔަތަށް އޭނާ އަންނަނީ އިންކާރު ކުރަމުންނެވެ. އޭނާ ބުނި ގޮތުގައި އެކަން ހިނގި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައެވެ. އެހެންކަމުން އޭނާއަށް ލުއި އަދަބެއް ދިނުމަށް އެދުނެވެ. އަދި ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.

ވަޅިން ހަމަލާދިނުމުގެ ސަބަބުން، ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

comment ކޮމެންޓް