ގާސިމާއި ނަޝީދު ތިބީ ސިޔާސީ ގޮތުން ބަނގުރޫޓުވެފައި: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ މިހާރު ސިޔާސީ ގޮތުން 'ބަނގުރޫޓު'ވެފައި ތިއްބެވި ދެ ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ގްރީން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ޖާބިރު "ސަން"އަށް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެގަނެގެން ވަކިން މި އަހަރުގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ގާސިމަށް ރާއްޖޭގައި މާ ބޮޑު ތާއީދެއް ނެތް ކަމަށާއި ހަގީގީ ލީޑަރުން ތިއްބެވީ މި އަހަރުގެ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ދެވަނަ ބުރަކަށް އިންތިޚާބު ކުރަން ފޫގަޅައިގެން ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމައި، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައި ނަޝީދު ގެންދަވަނީ ގާސިމާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތުމަށް މަޝްވަރާ ކުރައްވަމުންނެވެ. އެ ކަމަށް ފާޑު ވިދާޅުވަމުން ޖާބިރު ވިދާޅުވީ، 'ފިކުރެއްގެ ދިރުން' އެއީ ރަޖިސްޓްރީ ވެސް ކޮށްފައިނުވާ ސިޔާސީ ހަރަކާތެއް ކަމަށާއި އެއީ ޖަމާއަތެއް ކަމެއް، ޕާޓީއެއް ކަމެއް، ހަރަކާތެއް ކަމެއް ވެސް ވަކިނުވާ ކަމަށެވެ.

"ގާސިމާއި ނަޝީދަކީ މިހާރު ސިޔާސީ ގޮތުން ބަނގުރޫޓުވެފައި ތިއްބެވި ބޭފުޅުން، އެ ދެ ބޭފުޅުންނަށް މިހާރު ތާއީދެއް ނެތް. އަސްލު، ޗެއާމާނުން ތިބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ހޮވަން ފޫގަޅައިގެން." އޭނާ ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ އެކު-- ފޮޓޯ/ ރައީސް އޮފީސް

ގްރީން ޕާޓީއަށް 3،000އަށްވުރެ ގިނަ މެންބަރުން ހަމަކުރެވިފައިވާކަން ހާމަކުރައްވައި އޭނާ ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި 5،000 ފޯމު ހަމަކުރުމަށް ފަހުގައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވަން ތައްޔާރު ވަމުންދާ ކަމަށެވެ. އޭނާގެ ޕާޓީއަށް ޒުވާނުންގެ މެދުގައި މަގުބޫލުކަން ބޮޑުކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު މިހުރީ މި އަހަރުގެ އިންތިޚާބުގައި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވަން ފޫގަޅައިގެން. ގްރީން ޕާޓީގެ ފުރިހަމަ ތާއީދު އެ މަނިކުފާނަށް އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މި އަހަރުގެ އިންތިޚާބު މި ސަރުކާރަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވޭނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ގްރީން ޕާޓީން މި އަހަރުގެ އިންތިޚާބުގައި ތާއީދު ކުރާނީ ރައީސް ޞާލިޙަށް ކަމަށެވެ.

comment ކޮމެންޓް