ޕުޓިން ހައްޔަރުކުރަން އައިސީސީއިން އަމުރެއް ނެރެފި

ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިން -- ފޮޓޯ/ އޭޕީ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)އިން، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ހައްޔަރު ކުރަން އަމުރެއް ނެރެފިއެވެ.

އައިސީސީއިން ޕުޓިން ހައްޔަރުކުރަން އަމުރެއް ނެރުނީ، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ. މިއީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ގައުމެއްގެ ލީޑަރަކަށް ހައްޔަރުކުރަން އައިސީސީއިން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

އައިސީސީއިން ނެރުނު ބަޔާނެއްގައި ވަނީ، ރަޝިއާއިން ޔޫކްރޭންގައި ހިފާފައިވާ ސަރަހައްދުތަކުން ގަވައިދާ ޚިލާފަށް ކުޑަކުދިން ރަޝިއާއަށް ފޮނުވާ ކަމަށާއި އެ ޖަރީމާގެ ޒިންމާ ނަންގަވަން ޖެހޭނީ ޕުޓިން ކަމަށެވެ.

އައިސީސީގެ ރައީސް ޕިއޮޓް ހޮފްމަންސްކީ ވިދާޅުވީ އެ ކޯޓުގެ ފަނޑިޔާރުން އެ އަމުރު ނެރުނު ނަމަވެސް އެ އަމުރު ތަންފީޒު ކުރެވޭނީ ބައިނަލްއަގްވާމީ މުޖުތަމައަށް ކަމަށެވެ. އެގޮތުން އެފަދަ އަމުރެއް ތަންފީޒެއް ކުރަން އައިސީސީގެ ފުލުހުންނެއް ނުތިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އައިސީސީގެ ކުރީގެ ޕްރޮސެކިއުޓަރެއް ކަމަށްވާ ޑޭވިޑް ކްރޭން ވިދާޅުވީ ޕުޓިންގެ އަރިހުގައި ހުންނަ ދުނިޔޭގެ ކޮންމެ ލީޑަރަކު ވެސް މިހާރު ލަދުގަންނަން ޖެހޭނެ ކަމަށެވެ.

"މުޅި ދުނިޔޭގައި ވެސް ޕުޓިންއަށް ސިޔާސީ ގޮތުން އޮތް އިތުބާރު މިހާރު ގެއްލިއްޖެ،" އޭނާ ވިދާޅުވިއެވެ.

އައިސީސީން ވަނީ، ރަޝިއާގެ ރައީސް އޮފީހުގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަނަރު މެރިއާ އަލެކްސެއެވްނާ ލްވޮވާ-ބެލޯވާ ހައްޔަރުކުރަން ވެސް އަމުރެއް ނެރެފައެވެ. އޭނާގެ މައްޗަށް ވެސް ކޮށްފައި ވަނީ ޔޫކްރެއިންގެ ކުޑަކުދިން ގަވައިދާ ޚިލާފަށް ރަޝިއާއަށް ގެންދާ ކަމުގެ ތުހުމަތެވެ.

ރަޝިއާއިން ވަނީ އެފަދަ މައްސަލައެއް ބެލުމަށް އައިސީސީގެ އިހުތިސާސެއް ނެތް ކަމަށާއި އެއީ ގާނޫނީ ގޮތުން ބާތިލް އަމުރެއް ކަމަށް ބުނެފައެވެ.

ޔޫކްރޭންގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ޑިމިޓްރޯ ލުބިނެޓްސް ވިދާޅުވި ގޮތުގައި ރަޝިއާއިން ޔޫކްރޭންގެ 16،226 ކުޑަކުދިން ވަގަށް ނަގާފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އޭގެ ތެރެއިން ޔޫކްރޭނަށް އަނބުރާ ގެންދެވުނީ 308 ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރޭންގައި ތިބި ރަޝިއާ ދަރިކޮޅުގެ މީހުންގެ ރައްކަލަށް ޓަކައި ކަމަށް ބުނެ ރަޝިއާއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް އަރައި ފެށި ހަނގުރާމައިގައި މިހާތަނަށް 42،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

comment ކޮމެންޓް