ބީއެމްއެލް މުވައްޒަފުން މާލެ ސާފުކޮށް އަށް ޓަނުގެ ކުނި ނަގައިފި

ބީއެމްއެލް މުވައްޒަފުން މާލެތެރެ ސާފުކުރުން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭގެ 12 ސަރަހައްދެއް ސާފުކޮށް ގާތްގަނޑަކަށް އަށް ޓަނުގެ ކުނި ނަގައިފިއެވެ.

މި ހަރަކާތުގައި އެ މުވައްޒަފުން ވަނީ ހަ ޖަމްބޯ ބޭގްގެ ފުރާ ހުރި ޕްލާސްޓިކް އެއްކޮށް، އަލުން ބޭނުން ކުރުމަށް ޕާލޭ ޖަމިއްޔާއާ ހަވާލުކޮށްފައެވެ.

ބީއެމްއެލްގެ މުވައްޒަފުން މިއަދު ސާފުކުރި ތަންތަނުގެ ތެރޭގައި، އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާރުކޭޓު ސަރަހައްދުވެސް ހިމެނެއެވެ. އެ މަސައްކަތުގެ ތެރެއިން ބީއެމްއެލްގެ މުވައްޒަފުން ވަނީ ލޯކަލް މާރުކޭޓުގައި ކުލަލާފައެވެ.

ބީއެމްއެލް މުވައްޒަފުން މާލެތެރެ ސާފުކުރުން -- ފޮޓޯ/ ބީއެމްއެލް

ބޭންކުގެ 200އެއްހާ މުވައްޒަފުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.
މި ހަރަކާތް ހިންގާފައިވަނީ މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކްއާ ގުޅިގެން މިއަދު ހެނދުނު 6:30އިން 9:00އަށެވެ.

މިއީ، މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ބީއެމްއެލް މުވައްޒަފުން މާލެތެރެ ސާފުކުރުން -- ފޮޓޯ/ ބީއެމްއެލް
މި ހަރަކާތާ ގުޅިގެން، ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު ވިދާޅުވީ މިއަދު ސާފުކުރި ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރިކަމަށެވެ. އަދި އެއް ނަންބަރު ފާލަން ކައިރިއަށް ކުރި ޑައިވްގައިވެސް ޓަޔަރާއި ފުޅިފަދަ ތަކެތި ގިނަ އަދަދަކަށް ނެގުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަދި ވަކިން ޚާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެ ވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގުނު. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު. ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މާލޭ ސިޓީ ކައުންސިލްއިން ވެދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން." އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ މުވައްޒަފުން ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގައެވެ.

comment ކޮމެންޓް