ފުވައްމުލަށް ސިޓީގެ ތުނޑީގައި ރުކެއްގެ ހިޔަލުގައި އިށީނދެލައިގެން އިން ހަމްނާ ހުސައިން، 25، ގެ ހަނދާނާ ގުޅިފައި ވަނީ މާލޭގައި އޭނާ ހޭދަކުރި ހަލަބޮލި ދުވަސްތަކެވެ. މާލޭ ސިޓީގެ ހަލަބޮލިކަމަކީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. ތޮއްޖެހިފައިވާ މަގުމައްޗާއި އެކި ދިމަދިމާލުން އިވޭ ބަރުގޮނުގެ އަޑާއެކު މިއީ އެންމެ ހިތްފަސޭހަ މާހައުލެކޭ ނުބުނެވޭނެއެވެ.
މާލޭގެ މި ދިރިއުޅުން ހަމްނާ ވެސް ތަޖުރިބާ ކުރިއެވެ. އެތައް ދުވަހަކު މާލޭގައި ދިރިއުޅުނު އިރު އޭނާއަކީ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމަށް ކުޅުނު އެޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި ޖިމް އިންސްޓްރަކްޓަރެކެވެ. ކުޅިވަރުގެ ތެރެއަށް ހިތް ގެނބިފައިވާލެއް ބޮޑުކަމުން އެއީ އޭރު އޭނާ އެންމެ ކުރާހިތްވި މަސައްކަތެވެ. ނަމަވެސް އެ ދިރިއުޅުމުން ހަމްނާއަށް ނުލިބުނީ ހަގީގީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
މިކަން ހަމްނާއަށް އިހުސާސްވީ 2020ވަނަ އަހަރު ކޮވިޑުގެ ސަބަބުން މާލޭގެ ހަލަބޮލިކަމާ ދުރަށްގޮސް އުފަން ރަށް ފުވައްމުލަކުގައި ހޭދަކުރި ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައެވެ. އޭރު ރަށުގައި އޭނާ އެންމެ ފުރަތަމަ ޑައިވަށް ފުންމާލަށް ނޭވާލީ ވަގުތަކީ ހަމްނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި ވަގުތެވެ. އެ ދުވަހު އޭނާގެ ހިތް މާކަނޑަށް ގެނބުނީ ދެން ދުވަހަކު ވެސް އަތުނުވާނެހާ ފުނަށެވެ.
މިއަދު ހަމްނާއަކީ ފުވައްމުލަކުގައި ހުރި އެންމެ ފުރަތަމަ އަންހެން ޑައިވިން އިންސްޓްރަކްޓަރެވެ. އަދި އޭނާއަކީ ރާއްޖޭގެ ވެސް އެންމެ ފުރަތަމަ އަންހެން ޝާކް ގައިޑޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ބޮޑެތި މިޔަރުތަކާއެކު ކަނޑުއަޑީގައި ހޭދަކުރާ ވަގުތުތަކަކީ މިއަދު ހަމްނާގެ ހިތްހަމަޖެހުމެވެ. މޫދުގެ ދިރުންތަކާއި ޑައިވްކުރުމަށް އޮންނަ ލޯބި ހަމްނާގެ ހިތުގައި ދުވަހެއް ދުވަހަކަށް ވަނީ އިތުރެވެ.
ކުޅިވަރުގެ ތެރެއިން ފުންމާލީ ޑައިވިންއަށް
މާލޭގައި ދިރިއުޅުންއިރު ހަމްނާއަކީ ރާއްޖޭގެ އަންހެން ވޮޅީބޯޅަ ޓީމުގެ މެމްބަރެކެވެ. އެޓީމަށް އޭނާ ވަނީ އެތައް ކާމިޔާބީއެއް ހޯދައިދީފައެވެ.
"ބަންގްލަދޭޝްގަ އޮތް މުބާރާތެއްގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ސިލްވާ މެޑަލް ހޯދައިދިނުން އެއީ ފާހަގަކޮށްލެވޭ އެންމެ ބޮޑު ކާމިޔާބީއަކީ ވޮލީބޯޅައިގައި،" ހަމްނާ ބުންޏެވެ.
ކޮވިޑަށްފަހު ދިރިއުޅުމަށް އައި ބަދަލާއެކު ޑައިވިން ތަޖުރިބާކުރެވުނެވެ. އޭނާ ދެން ބޭނުންވީ ޑައިވް ކުރުމުން ކުރިއަށްދާށެވެ. އެހެންކަމުން މޫދު ބުޅާ ޑައިވިން ސެންޓަރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމްނާ ވަނީ ޑައިވިން އިންސްޓްރަކްޓާ ލެވެލްއަށް ކޯސް ފުރިހަމަކޮށްފައެވެ.
އޭނާ ދިޔައީ އިންސްޓްރަކްޓާ ކޯސް ހެދުމުގެ ކުރިން ވެސް ޝާކް ގައިޑް ހަދައި މިޔަރުތަކާއެކު ޑައިވް ކުރަމުންނެވެ.
ހަމްނާ މިހާރު ކުރަނީ "މިޔަރު"ގެ ނަމުގައި އެންޖީއޯއެއް އުފައްދާ އެ އެންޖީއޯގެ މަސައްކަތްތަކެވެ.
"ހަމްނާ ލައިގެން ހަތަރު މީހުން މި އެންޖީއޯގެ ފައުންޑާސް އަކީ. މިހާރު މިކުރާ މަސައްކަތަކީ ޝާކް ރިސާޗެއް ހަދަނީ. މި ރިސާޗް ބަލާނެ މި އޭރިޔާގަ އުޅޭ ޓައިގާ ޝާކްގެ ޕޮޕިއުލޭޝަންއާ އެކަހަލަ ކަންކަން،" ހަމްނާ ބުންޏެވެ.
"މިޔަރު" އެންޖީއޯގެ ކޯ ފައުންޑަރުންނަކީ ހަމްނާގެ އިތުން އިތުރު ދިވެއްސަކާއި ރާއްޖޭން ބޭރު ދެމީހުނެވެ.
"އާންމުކޮށް މިކަހަލަ ރިސާޗްތައް ހަދާ އެންޖީއޯ ތަކަކީ ބޭރުގެ އެންޖީއޯތައް. މި އެންޖީއޯ ތަކާ "މިޔަރު"ތަފާތު ވަނީ އެއީ ބޭރުގެ އެންޖީއޯތައް. އެކަމަކު "މިޔަރު" އެންޖީއޯ އަކީ ރާއްޖޭގަ ރަޖިސްޓްރީ ކޮށްގެން ހިންގާ އެންޖީއޯއެއް،" ހަމްނާ ބުންޏެވެ.
މި ދާއިރާއިން ކުރިއަށްދާން ގާތް އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން ހަމްނާ ފާހަގަ ކުރެއެވެ.
"ހީވެސް ނުކުރާ ސަޕޯޓެއް ލިބުނު މި ދާއިރާގަ އުޅޭ އަންހެނުންގެ ފަރާތުން،" ހަމްނާ ބުންޏެވެ.
އެންމެ ޝައުގުވެރި ކަމަކީ ގުދުރަތީ މާހައުލާއެކު ގާއިމްވާ ގުޅުން
ޑައިވް ކުރަން ތައްޔާރުވެ މޫދަށް ފުންމާލުމުން އެކުރެވޭ އިހުސާސަކީ ބުނެދޭން ނޭންގޭ އިހުސާސެއް ކަމަށް ހަމްނާ ބުންޏެވެ. އެ މަންޒަރު ނުފެނި، އެ އިހުސާސް ނުކުރެވޭ މީހަކަށް އެވަގުތުގެ އިހުސާސްތައް ތިލަ ކޮށްދޭން ހަމްނާ މަސައްކަތް ކުރިއެވެ.
"މޫދު އަޑީގަ ނުހުންނާނެ ގްރެވިޓީ އެއް. އެހެންވީމަ ހީވަނީ މި އުޅެވެނީ މުޅިން ތަފާތު ތަނެއްގައޭ. މާލެ ތަންތާ އުޅޭ އިރު ވަރަށް ޑިސްކަނެކްޓެޑް ފްރޮމް ރިއާލިޓީ. އެކަމަކު ޑައިވް ކުރާއިރު ގުދުރަތީ މާހައުލާ ކަނެކްޓް ވޭ،" ހަމްނާ ބުންޏެވެ.
ހަމްނާ ބުނިގޮތުގައި، މޫދު އަޑީގައި މިޔަރުތަކާ އެކު ފަތާލުމުން އިހުސާން ވަނީ އިންސާނުންނަކީ ވަކި މާ މޮޅު ނުވަތަ މާ މަތީ ބައެއް ނޫންކަމެވެ. އެކަމުން ހަމްނާއަށް އިހުސާސްކޮށްދެނީ އަހަރެމެންނަކީ ވެސް މި ދުނިޔޭގެ ބައެއް ކަމާއި އަހަރެމެންނާއެކު އިތުރު މަޚްލޫގުން ވާކަމެވެ.
"މަންތާ، މިޔަރު ނޫނީ މުރަކަ ތަކާއެކީ ޑައިވް ކުރާއިރު އަސްލު އެ އެއްޗިއްސަކީ އަހަރެމެންގެ ހަޔާތުގަ ވަރަށް މުހިންމު ރޯލެއް ކުޅޭ އެއްޗެއްކަން އިނގެނީ. އެކަމަކު އަސްލު އަހަރެމެނަކަށް ނުވެސް އިނގޭ ދޯ ކޮބައިކަން މި އެއްޗެހީގެ މުހިންމު ކަމަކީ،" ހަމްނާ ބުންޏެވެ.
މޫދު އަޑިއަކީ ހަމަހިމޭން ތަނެކެވެ. ދުނިޔެވީ ކަންކަމާ ދުރުގައި މޫދު އަޑީގައި ހޭދަކުރެވޭ ވަގުތަކީ އަހަރެމެންގެ ނަފްސާނީ ސިއްހަތަށް ވެސް ރަނގަޅުކަމެއް ކަން ހަމްނާ ފާހަގަކުރިއެވެ.
ޑައިވިން އަކީ ހަމައެކަނި ފިރިހެނުންނަށް ކުރެވޭނެ ކަމެއް ނޫން!
ބައެއް ކަންކަމަކީ އަންހެނުންނަށް ނުކުރެވޭނެ ކަމެއްކަމަށް ގަބޫލުކުރާ ބޯދާ ވިސްނުން މިހާރު ވެސް އަހަރެމެންގެ ތެރޭގައި ކޮންމެވެސް ވަރަކަށް އޮވެއެވެ. ޑައިވިން އަކީވެސް އެފަދަ ގަބޫލުކުރުމެއް އޮތް ދާއިރާއެކެވެ. ނަމަވެސް ޑައިވްކުރުމަކީ ވަކި ޖިންސަކަށް އޮންނަ ކަމެކޭ ބުނާ ބުނުން މިހާރު ނޯންނަކަމަށް ހަމްނާ ގަބޫލުކުރެއެވެ.
"ދާއިރާގަ ކުރިން އުޅުނު އަންހެނުން، ޒޫނާ ނަސީމް (ޒޫންޓި)މެން އަންނަމެން އަހަރެމެންނަށް މަގު ކޮށައިދީފަ އޮތީމަ މިހާރު އަންހެން ކުދިންނަށް ފަސޭހަ ވަނީ ދާއިރާއަށް ނުކުމެ ގޭމް ޗޭންޖް ކުރަން. ކުރިން އޮންނަ ވިސްނުން މިހާރު ވަރަށް ބޮޑަށް ބަދަލުވެފަ އޮންނަނީ،" ހަމްނާ ބުންޏެވެ.
އެގޮތުން ފުވައްމުލަކުގައި ފުރަތަމަ ޑައިވިން އިންސްޓްރަކްޓަރަކަށް ހަމްނާ މަސައްކަތް ކުރަން ފެށުމުން މިހާރު ބައެއް އަންހެންކުދިން ޑައިވިންގެ ތެރެއަށް ވަންނަން ޝައުގުވެރިކަން ފާޅުކުރާކަމަށް ހަމްނާ ބުންޏެވެ.
"ބައެއް އަންހެން ކުދިން މިހާރު ރަށުން ޑައިވިން ފުރިހަމަ ވެސް ކޮށްފި،" ހަމްނާ ބުންޏެވެ.
ޑައިވިންގެ ދާއިރާގައި ކުރިއަރަށް ދިއުމަށް ބޭނުންވާ ކުދިންނަށް މިހާރު ވަނީ ފުރުސަތުގެ ދޮރުތައް ހުޅުވިފައެވެ. އެގޮތުން ސަރުކާރުން އިސްނަގައިގެން ވެސް މިހާރު ޑައިވިންއަށް ޚާއްސަ ކޯސްތައް ހިންގައެވެ.
"ދެން ޑައިވިންގެ ތެރެއިން ވެސް ތަފާތު ވަރަށް ގިނަ ފީލްޑްތަކަށް އެބަ ނުކުމެވޭ،" ހަމްނާ ބުންޏެވެ.
އެހެންކަމުން މޫދުގެ ދިރުންތަކަށް ލޯބިކުރާ ނަމަ ނުވަތަ ޑައިވިންގެ ދާއިރާއަށް ނުކުންނަށް ބޭނުންވާ ނަމަ މިހާރު މިއީ ފުރުސަތުތައް ގިނަ ދާއިރާއެއް ކަމަށް ހަމްނާ ގަބޫލުކުރެއެވެ.
އޭޑީއެޗްޑީއާއެކު ދިރިއުޅުން
އާދައިގެ މީހަކާ ޚިލާފަށް ހަމްނާއަށް އޭނާގެ ދުނިޔެ ފެންނަ ގޮތް ތަފާތެވެ. ހަމްނާގެ ސިކުނޑި ބައެއް ކަންކަމުގައި މަސައްކަތް ކުރާ ގޮތް ވެސް ތަފާތީއެވެ.
ނަފްސާނީ ބައްޔެއްކަމަށް ވާ އެޓެންޝަން ޑެފިޝިއެންޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ އަށް ހަމްނާ ޑައިގްނޯސް ވީ 2021ވަނަ އަހަރުއެވެ. ނަމަވެސް 2019 ވަނަ އަހަރު އޭނާއަށް އެބަލީގެ އަލާމާތްތައް ވަރަށް ބޮޑަށް ފެންނަން ފެށިއެވެ.
އެގޮތުން ބައެއް ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވެއެވެ. ނަމަވެސް ވަރަށް ޝައުގުވެރިވާ ކަމެއްނަމަ އެކަމަކަށް ސަމާލުކަން ދީ ކަނުލާ އަޑުއެހުމަކީ ހަމްނާގެ ސިކުނޑިއަށް ފަސޭހަ ކަމެކެވެ. ކަންކަން ފަހަށް ކުރަން ބެހެއްޓެއެވެ. ގަޑިއަށް ސަމާލުކަން ދޭން އުނދަގޫވެއެވެ.
"ގަޑިއަށް ނައްޓާލިއަސް ހަމަ ލަސްވެފަ ހުންނާނީ ދެވޭއިރު. އަބަދު އަބަދު ކުދި ކުދި އެއްޗެހި ލެވޭތަން ހަނދާނެއް ނުހުރޭ. ރައްޓެހިން ވެސް ބުނާނެ ގަޑި ޖެހޭނެއޭ. ހަނދާނެއް ނުހުންނާނެ އޭ،" ހިނިގަނޑެއް ޖަހާލަމުން ހަމްނާ ބުންޏެވެ.
މިކަމުގެ ސަބަބުން އޭނާގެ މަސައްކަތަށާއި އާންމު ދިރިއުޅުމަށް އަދި މީހުންނާ އެކު އޮންނަ ގުޅުމަށް ވެސް އަސަރު ކުރެއެވެ. ނަމަވެސް މި އުނދަގޫތަކާ އެކު ދިރިއުޅެން ހަމްނާ ދަސްކުރިއެވެ. އެގޮތުން އޭނާގެ ބައްޔާމެދު ކަންކަން ދެނެގަނެ ރަނގަޅު ކުރަން ކުރެވޭނެ ކަންކަން ބެލިއެވެ.
"ދެން ފޯނު ބޭއްވޭތަން ހަނދާން ބަހައްޓާނީ ކިހިނެއް ތޯ، އެކަހަލަ ކަންކަން އަމިއްލައަށް ދެނެގަންނަން ފެށީ. މިސާލަކަށް ގިނަ ކަންކަމެއް ކުރަން ހުއްޓަވެސް އެންމެ މުހިންމު ކަންތައް ބަހައްޓާފަ ކުރާ ހިތްވެދާނެ އެހެންކަމެއް. އެކަހަލަ ގަޑިގަޑީ އަމިއްލަ މީހާއަށް ވިސްނައިދޭން މަސައްކަތް ކުރަން މިކަން ނިންމާފަ ހަމަ ކުރާ ހިތްވާ ކަމެއް ކުރާނަމޭ. އެހެންވީމަ އެންމެ މުހިންމު ކަންތައް ކުރަން ބައެއް ފަހަރު ފަސޭހަ ވޭ،" ހަމްނާ ބުންޏެވެ.
ނަމަވެސް، އަދިވެސް އޭޑީއެޗްޑީގެ ސަބަބުން ބައެއް ދުވަސް ދުވަހު އެއްވެސް ކަމެއް ކުރާ ހިތް ނުވުން ފަދަ ކަންކަން ކުރިމަތިވާކަމަށް ހަމްނާ ބުންޏެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދިވެސް މިފަދަ ބަލިތަކާމެދު މުޖުތަމައު ދެކޭ ގޮތެވެ. ހޭލުންތެރިކަން ދަށްވުމެވެ.
ހަމްނާގެ ދިރިއުޅުން މިހާރު އުފާވެރިވެފައި މާ އުޖާލާއެވެ. އޭނާ ހިތް އުފާ ކުރަމުން އެ އަންނަނީ މިޔަރުތަކާއެކުއެވެ. އޭނާގެ ހިތްހަމަ ޖެހުމަކީ އެއީއެވެ. އޭނާ އެންމެ ދެކެން ބޭނުން ވަނީ އަންހެނުންނަށް މިހާރަށް ވުރެވެސް ފަހި ފުރުސަތުތަކެއް މި ދާއިރާއިން ލިބޭނެ ދުވަހެކެވެ.