ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރަން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ނިންމައިފި

ޓެކްސީތަކެއް ކިއޫގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އުވާލައިފިއެވެ.

އެއްގަމުގައި ދުއްވާ އިންޖީނު ލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އެ އިސްލާހު ގެނައުމުގެ ކުރިން L10 ގެ ގޮތުގައި ހަތަރު ފިރޮޅު ލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދައެއް ހޯދަން ޖެހޭނެއެވެ. އަދި މި ހުއްދަ ހޯދުމަށްޓަކައި އެ އުޅަނދުގެ މައުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއްނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.

ހަމަ އެއާއެކު، މި ލިޔުމަކީ އޮރިޖިނަލް ލިޔުމަކަށް ވާންޖެހެއެވެ. މިނިސްޓްރީން ބުނީ، މި ލިޔުމުގައި ހުރުމަށް ލާޒިމްކުރާ ގިނަ މައުލޫމާތަކީ ބައެއް ގައުމުތަކުން ހޯދުމަށް ދަތިތަކެއް ދިމާވަމުން ގޮސްފައިވާ މައުލޫމާތުތަކެއް ކަމަށެވެ. އަދި މި ލިޔުން ހޯދުމަށްޓަކައި ގަރާޖާ ބެހޭ މައުލޫމާތު ނުވަތަ ގަރާޖު ހުއްދަ ހުށަހަޅަން ޖެހެއެވެ.

L10 ގެ ބޭނުމަކީ ރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ އުޅަނދުގެ އުމުރުފުރާ ބަލައި އެކަން ޔަގީން ކުރުމަށް ކުރިން ކަނޑައަޅާފައިވާ ކޮންޓްރޯލް ނިޒާމެވެ. ގަވާއިދަށް އައި މި މިބަދަލާއެކު މި ކޮންޓްރޯލް ދެން ބަލާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުންނެވެ. މި ގޮތަށް ބަދަލު ގެނައުމުން ކުރިން ދެ ޕްރޮސެސްއެއްގައި ބަލަމުން ދިޔަ ކަންކަން އެއް ޕްރޮސެސްއަކަށް ބަދަލުވާނެއެވެ.

ގަވާއިދުގައި ވަނީ L10 ހުއްދަ ހޯދުމަކާ ނުލައި އުޅަނދު ފަހަރު ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ LR1 ގެ ފޯމާއެކު މުޅިން އައު އުޅަނދެއްނަމަ މެނިފެކްޗަ ސެޓްފިކެޓް ނުވަތަ އުޅަނދު އުފެއްދި ފަރާތުން ދޫކުރާ ލިޔުން ނުވަތަ އިންވޮއިސް ނުވަތަ ޑީ ރަޖިސްޓްރޭޝަން ނުވަތަ އެކްސް ޕޯޓް ސެޓްފިކެޓްގައި އެ އުޅަނދު އުފެއްދި ކުންފުނީގެ ނަން، މޮޑެލް ނަންބަރު، އިންޖީނު ނަންބަރު، ޗެސިސް ނަންބަރު އަދި އުޅަނދު އުފެއްދި އަހަރު ބަޔާންކުރަން ޖެހެއެވެ.

މީގެ އިތުުރުން ރޯޑު ވާދިނަސް ރިޕޯޓް އަދި ގަރާޖު ކުރުމަށް ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ލިޔުން ވެސް ހުށަހަޅަންޖެހެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ދެމުންގެންދާ ޚިދުމަތް ރައްޔިތުންނަށް އަވަހަށް އަދި ފަސޭހައިން ލިބޭނެގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކުރެވޭ މަސައްކަތުގައި L10 އުވާލުމަކީ ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔަ ކަމެއްކަމަށް ގިނަބަޔަކު ދެކޭ ކަމަށެވެ.

comment ކޮމެންޓް