ރައީސް ޞާލިޙް ވަރުގެ އެކަނިވެރިއެއް މިހާރު ނެތް: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަރުގެ އެކަނިވެރިއެއް މިހާރު ނެތް ކަމަށާއި އެ މަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުން ގާތް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަކި ރިޔާސީ ކެންޑިޑޭޓެއް ނެރެން ނިންމުމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ އެކަނިވެރި ބޭފުޅަކީ ރައީސް ޞާލިޙް ކަމަށާއި އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީގެ ރައީސް ވެސް ހުންނެވީ އެ މަނިކުފާނާ ދެކޮޅަށް ނުކުންނަވައިގެން ކަމަށެވެ.

އެހެންވެ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ވާދަނުކުރައްވަން ނިންމަވައިފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖޭޕީއަކީ ޕޮލިޓިކަލީ ރެލަވަންޓް ޕާޓީއެއް. ރެލަވަންޓްކަން އެބަ އެނގޭ އެއީ ޖޭޕީ ކޮންމެ ފަހަރަކު އަރާ ކޮޅަކަށް ކޮންމެ ފަހަރަކު ވެރިކަން އެބަ ލިބޭ. އެހެންވީމަ އެ ރެލަވަންސީ އެބައޮތް،" ޖޭޕީ ވަކިން ވާދަކުރުމަކީ ސަރުކާރަށް ގެއްލުމެއްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ އިންތިޚާބުގައި ވެސް ޖޭޕީ ރެލަވަންޓް ވާނެ ކަމަށެވެ. އެކަމަކު، ޕީޕީއެމުން އެ ޕާޓީގެ ފަހަތަށް ނާރާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަކުރައްވާނެ ކަމަށާއި އެ މަނިކުފާނު މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޕީޕީއެމްގައި އިތުރު ވިސްނުމެއް ނެތް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަސްލުގައި މިހާރު އަޅުގަނޑަށް ހީވަނީ ރައީސް ޞާލިޙް އެކަނިވެރި ވީމަ، ރައީސް ޞާލިޙް ހެން ވާދަނުކުރާނީ،" އޭނާ ވިދާޅުވިއެވެ.

"މި ވަގުތު ރައީސް ޞާލިޙަށްވުރެ ނިކަމެތި ލީޑަރެއް ނެތް ސިޔާސީ ގޮތުން. ވަރަށް ބޮޑަށް އެކަނިވެރިވެފައި އެހުރީ. ރައީސް ޞާލިޙް އެކަނި އެއީ، އެ މަނިކުފާނުގެ ޕާޓީ ވެސް ނެތް. ހުދު އެ ޕާޓީގެ ރައީސް ވެސް ރައީސް ޞާލިޙަކާ އެއްކޮންނެއް ނޫން. އެހެންވެ ވަރަށް އެކަނިވެރި ވެފައި ރައީސް ޞާލިޙް މި ވަގުތު އެ ހުންނެވީ."

ޝިޔާމް ގަބޫލުކުރައްވައި ގޮތުގައި ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމާ އެކު ސަރުކާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގައި އެންމެ ވަރުގަދަ ވާނީ ޕީޕީއެމް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް