ކްރިތީ ސެނޮންގެ ކޮއްކޮ ނުޕުރްގެ ފިލްމީ ކެރިއަރު ފަށަނީ ވެބް ސީރީސްއަކުން

ބޮލީވުޑްގެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނޭ ކްރިތީ ސެނޮންގެ ކޮއްކޮ ނުޕުރް ސިންގް ފިލްމީ ދާއިރާއަށް ނުކުތުމުގެ ފުރަތަމަ ދަތުރަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން އެކްޓަރު އަކްޝޭ ކުމާރުއާއެކު މިއުޒިކް ވީޑިއޯއަކުން ފެނިފައިވާ ނުޕުރްއަކީ ލަވަކިޔުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ފަންނާނެކެވެ. އެހެންވެ ގިނަބަޔަކު އުއްމީދުކުރީ ފިލްމީ ދާއިރާއަށްވުރެ ބޮޑަށް ނުޕުރް ފެންނާނީ މިއުޒިކު ނުވަތަ ލަވަކިޔުމުގެ ދާއިރާއިންކަމަށެވެ. ނަމަވެސް ގިނަބަޔަކު ސިއްސުވާލުމަށްފަހު ނުޕުރް މިވަނީ އޭނާގެ ފުރަތަމަ ވެބް ސީރީސް ބެލުންތެރިންނަށް ގެނެސްދިނުމަށް ތައްޔާރުވެފައެވެ.

"ޕޮޕް ކޯން" ނަމަކަށްމިޔާ މިވެބް ސީރީސްއަކީ، ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ގެނެސްދޭން ތައްޔާރުވެފައިވާ ކޮމެޑީ ސީރީސްއެކެވެ. ބޮޑު ކާސްޓެއް ފެންނާނެ މިސީރީސްއިން ނުޕުރްއާއެކު ފެންނާނީ، ހެއްވާ މަޖާ ރޯލްތަކުން ފެނިފައިވާ ޖޯނީ ލީވާ، ރާޖްޕަލް ޔާދަވް، ސޯރަބް ޝުކްލާ، ކުނާލް ކެއްމޫ އަދި ޗަންކޭ ޕާންޑޭއެވެ.

ޑައިރެކްޓަރު ފަރުހާދު ސާމްޖީގެ މިވެބް ސީރީސްއިން ނުޕުރްއަށް ފުރުސަތު ލިބިފައިވަނީ، އަކްޝޭއާ އެކު ނުޕުރް ކުޅުނު ވީޑިއޯ ލަވައިގައި އޭނާ ދައްކާފައިވާ އެކްޓިންގްއާމެދު ޑައިރެކްޓަރު ގަޔާވިލެއް ބޮޑުކަމުންނެވެ.

"ޕޮޕް ކޯން"އާބެހޭގޮތުން ނުޕުރް ބުނެފައިވަނީ، މީގެ ސްކްރިޕްޓް ކިޔަމުންދިޔައިރުވެސް ހިތާހިތުންވެސް ހެވުނުކަމަށެވެ. އަދި މިވެބް ސީރީސްއަކީ ނުޕުރްގެ އެކްޓިންގެ ހުނަރު ބެލުންތެރިންނާ ހިއްސާކޮށްލުމަށް އެންމެ ރަނގަޅު ޕްލެޓްފޯމްކަމަށާއި ބެލުންތެރިން ނުޕުރް ބަލައިގަންނާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.

މާދަމާއިން ފެށިގެން "ޕޮޕް ކޯން" ވެބް ސީރީސް ޑިޒްނީ ޕްލަސްއިން ޕްރިމިއާކުރަން ނިންމާފައިވާއިރު މިސީރީސްގެ ޓްރެއިލާ ވެސް ވަނީ ލޯންޗްކޮށްފައެވެ. މިވެބް ސީރީސްގެ ކުރިން ޑައިރެކްޓަރު ފަރުހާދު ސާމްޖީ ޑައިރެކްޓްކޮށްފައިވާ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ނުޕުރްގެ ދައްތަ ބަތަލާ ކްރިތީ ސެނޮން ފެންނަ ފިލްމު "ބައްޗަން ޕާންޑޭ" އާއި "ހައުސް ފުލް 4" ހިމެނެއެވެ.

comment ކޮމެންޓް