ރިޝްވަތު ނަގައިގެން ބިމެއް ވިއްކަން އުޅުނު އެޗްޑީސީގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި

ތިލަފުށީގެ ސެޓެލައިޓް ފޮޓޯއެއް -- ގޫގްލް މެޕްސް

ރިޝްވަތުގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނަގައިގެން ތިލަފުށިން ބިމެއް ވިއްކި ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ)ގެ މުއައްޒަފު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

"ސަން"އަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، ރިޝްވަތު ނަގައިގެން އަމިއްލަ ފަރާތަކަށް ތިލަފުށިން ބިމެއް ވިއްކި މުއައްޒަފުގެ މައްސަލަ އެ ކުންފުނީގެ އެތެރޭގެ އޮޑިޓް ޓީމުން ތަހުގީގު ކުރަމުންދާ ކަމަށާއި، އެ މުވައްޒަފު މިހާރު ހުރީ މަސައްކަތަށް މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައި ކަމަށެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ފުލުހުންނަށް ހުށައަޅާފައިވާއިރު، މައްސަލަ ފެންމަތިވި ހިސާބުން އެޗްޑީސީން އެކަން ހިނގައި ދިޔަ ގޮތް ބަލަން ފަށާފައިވާ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުއާމަލާތް ހިންގާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި އެކަން ފަޅާއަރާފައި ވަނީ، މީގެ ދެ ހަފުތާއެއްހާ ކުރިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޝްވަތުގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ނަގައިގެން ތިލަފުށިން ބިން ވިއްކި މުވައްޒަފަކީ މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ މުވައްޒަފެކެވެ.

ރިޝްވަތުގެ ގޮތުގައި ވިއްކި ބިމުގެ ތަފްސީލް އަދި މިހާތަނަށް އެޗްޑީސީން ބުނެފައިނުވާއިރު، އެ މުއާމަލާތުން އެ ކުންފުންޏަށް އެއްވެސް ނަފާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް