100 އަށް ވުރެ ގިނަ ވިޔަފާރިތަކުގެ ސްޓޯލުތަކާ އެކީ މި އަހަރުގެ މޯލްޑިވްސް މެރީން އެކްސްޕޯ ފަށައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި މެރީން އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެކްސްޕޯ ހުޅުވުމަށްފަހު މިނިސްޓަރު ވަނީ، މެރިން އެކްސްޕޯގައި ހުރި ސްޓޯލްތަކަށް ޒިޔާރަތްކޮށްފައެވެ.
މެރިން އެކްސްޕޯއާ ބެހޭ މައުލޫމާތު ދެއްވަމުން މި އެކްސްޕޯ އިންތިޒާމު ކުރާ ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ ކަނޑުގެ ހުރިހާ ވިޔަފާރިތަކެއް، އެއްތަނަކުން ބައްދަލުވެ އެ ކުންފުނިތަކުގެ އެކި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މޯލްޑިވްސް މެރީން އެކްސްޕޯ 2023ގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މި އިވެންޓުގެ ތެރޭގައި އެކި ކުންފުނިތަކުން ވިއްކާ ރާއްޖޭގެ ނަން މަޝްހޫރު އިންޖީނުތަކާއި، ލޯންޗް، ފެރީ އަދި ޔޮޓް ފަދަ ތަކެތިން ފެށިގެން ކަނޑުގެ އެކި ކަންކަމުގައި ކުންފުނިތަކުން ބޭނުންކުރާ އެކި ތަކެތި ލިބޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި އެކްސްޕޯއާ ބެހޭ މައުލޫމާތު ދެއްވަމުން މި އެކްސްޕޯގެ އިވެންޓް މެނޭޖަރު ޝާމް އަޙްމަދު ވިދާޅުވީ މި އިވެންޓު އޯގަނައިޒް ކުރިއިރު ބަލާފައިވަނީ ކުރިން މި އެކްސްޕޯގައި ނުހިމެނޭ އިތުރު އެތައް ކަމެއް ޢަންމުންނަށް ގެނެސްދިނުން ކަމަށެވެ.
"މެރީން އިންޑަސްޓްރީ އާ ގުޅުން ހުރި ހުރިހާ އެއްޗެއް މިތަނުން ލިބޭ. އިންޝުއަރެންސް ވިޔަސް، މެޑިކަލް ވިޔަސް، ބްލޭންކެޓެއް އަދި ކާޕެޓެއް ވިޔަސް. ބޯޓު ބަންނަން ވިސްނަން ފިކުރެއް ހުރެއްޖެނަމަ، މިތަނަށް އައިސް ނުކުންނަ އިރު އެ ހުރިހާ ކަމެއް ހަމަޖެހޭނެ މިތަނުން،" އެކްސްޕޯގެ ކުރު ވާހަކަތަކެއް ޙިއްސާކުރައްވަމުން ޝާމް ވިދާޅުވިއެވެ.

މޯލްޑިވްސް މެރީން އެކްސްޕޯ 2023 ގައި އެމްޓީސީސީ އިން ތަޢާރަފްކުރާ އައު ލޯންޗު --- ސަން ފޮޓޯ/ އަޙްމަދު ސަދޫފް މޫސާ
މި އަހަރުގެ އެކްސްޕޯގައި 100 ކުންފުންޏެއްގެ 170 ސްޓޯލް ހުންނާނެއެވެ. މިއީ ރާއްޖޭގައި މިފަދައިން ބޭއްވޭ އެންމެ ބޮޑު އެކްސްޕޯއަށް ވާއިރު، މި އެކްސްޕޯގައި އެކި އުޅަނދުފަހަރު ވެސް ޑިސްޕްލޭގައި ހުރެއެވެ.
މި އަހަރުގެ މެރީން އެކްސްޕޯގައި ވެސް އައު އެތައް އުފެއްދުންތަކެއް މާކެޓަށް ނެރޭނެއެވެ. އެގޮތުން އެމްޓީސީސީ އިން ރާއްޖޭގެ މާކެޓަށް ނެރޭ ރެކްރިއޭޝަނަލް ފިޝިން ލޯންޗް އަދި ރާއްޖޭގެ އެންމެ ބޮޑު އިންޖީން ފާހަގަ ކުރެވެއެވެ.