ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށް, މިއަދު އުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް، ލޭބާ ޕާޓީ އަދި ޑީއާރުޕީ އަށް ދެވުނު ތިން މަސް ދުވަހުގެ މުއްދަތުގައި، ޤާނޫނު ލާޒިމްކުރާ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ އެއްވަ ނަންބަރުގައިވާ ގޮތުގެ މަތިން ޕާޓީ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އިސީން އިތުރަށް ބުނީ ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާތީ އެ ދެ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅައި، އެ ދެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން ބުދަ ދުވަހުން ފެށިގެން އުވާލާފައިވާ ކަމަށެވެ.
މި ދެ ޕާޓީގެ ތެރެއިން ގާނޫނުގައި ބުނާ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރުޕީއަށް ދިން ތިން މަސްދުވަހުގެ މުއްދަތުގައި އެ އަދަދު ހަމަނުކުރެވުމުން އެ ޕާޓީ އުވާލަން އީސީން ނިންމީ ފާއިތުވީ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ގާނޫނުގައި އެ ބުނާ އަދަދަށް މެންބަރުން ހަމަކުރުމަށް ލޭބާ ޕާޓީއަށް ދިން ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރެވިފައިނުވާތީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް އިން އެ ޕާޓީ އުވާލަން ނިންމީ މިދިޔަ އަހަރުގެ ޖޫން 30ގައެވެ.
ކުރީގެ ރައީސް އަދި ކުރީގެ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދި ޑީއާރުޕީ އީސީގައި ރަޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ ޖުލައި 15ގައެވެ. އެންމެ ފަހުން އެ ޕާޓީ ހިންގެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންވައިގެން އުފެއްދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އުފެއްދުމުގެ ހުއްދަ އީސީން ދިނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެ ޕާޓީ ހިމެނުނީ 2019 ވަނަ އަހަރުގެ ޖެނުއަރީގެ ކުރީކޮޅުއެވެ.