ރޯދަމަހު ވިޔަފާރި ކުރެވޭނެ ގަޑިތައް ކަނޑައަޅައިފި

މީހަކު ފިހާރައެއްގެ ތެރޭގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ފެށޭ ރޯދަމަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަމަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެ ދުވަހެއްގެ ހަވީރު 05:30އިން މެންދަމު 03:00 އަށް ކަމަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30އިން މެންދަމު 3:00އާ ދެމެދުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އަންނަ ރޯދަ މަހު މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ވެސް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާއިރު، މިއަދުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 05:30އިން ފެށިގެން ދަންވަރު 01:00އަށެވެ.

މިހާރު އާއްމު އުސޫލުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އާއްމުންނަށް ހުޅުވާފައި ބެހެއްޓެނީ ފަތިހު 04:00އިން މެންދަމު 01:00އަށެވެ.

ނަމަވެސް ރޯދަ މަހާ ދިމާކޮށް މި ގަޑިތަކަށް މި ގެނައި ބަދަލުތަކަކީ ކޮންމެ ރޯދަމަހަކާއެކު ވެސް ކެފޭ، ރެސްޓޯރެންޓުތަކާއި މުދާ ވިއްކާ ފިހާރަތައް ހުޅުވާފަ ހުންނަ ގަޑިތަކަށް ބަދަލު ގެންނަ އުސޫލުން ގެނައި ބަދަލެކެވެ.

comment ކޮމެންޓް