އިމްރާން ޚާން ހައްޔަރުކުރަން އުޅުމުން ޕާޓީ މެމްބަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން

އިމްރާން ޚާންގެ ގެކޮޅުން އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި ނަމަވެސް އޭނާއަށް ތާއިދު ކުރާ މީހުން ވަނީ އެކަން ހުއްޓުވާފަ -- ފޮޓޯ/ ޑޯން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރުމުން އޭނާގެ ގެކޮޅު ކައިރީގައި އޭނާގެ ޕާޓީގެ މެމްބަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގައިފިއެވެ.

ޕާކިސްތާނުގެ ޑޯން ނޫހުގައިވާ ގޮތުން އިމްރާން ޚާން ހައްޔަރުކުރަން، ލާހޯރުގައި ހުންނަ އޭނާގެ ގެކޮޅަށް އިއްޔެ ފުލުހުން ވަނީ ގޮސްފައެވެ. ނަމަވެސް އިމްރާނަށް ތާއީދު ކުރާ މީހުން ވަނީ ގެކޮޅު ކައިރިއަށް އެއްވެ، ފުލުހުންނަށް ހުރަސް އަޅާފައެވެ.

ޚާންގެ ތަހްރީކީ އިންސާފް (ޕީޓީއައި)އަށް ނިސްބަތްވާ މީހުން ވަނީ ފުލުހުންނާ ދިމާލަށް ގާ އުކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތަކުގައި ރޯކޮށްފައެވެ. އަދި ފުލުހުން ވަނީ ޚާންގެ ގެކޮޅު ހުންނަ ސަރަހައްދަށް ކަރުނަ ގޭސް ޖަހާފައެވެ.

ޚާން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ކުރަމުންދާއިރު، ހަމަނުޖެހުންތަކުގައި 30 ފުލުހަކަށާއި ޕީޓީއައިގެ 15 މެމްބަރަކަށް އަނިޔާވެފައިވާ ކަމަށް ޑޯން ނޫހުގައިވެއެވެ.

އިމްރާން ޚާން ހައްޔަރުކުރަން މަސައްކަތް ކުރުމުން އޭނާއަށް ތާއިދު ކުރާ މީހުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް -- ފޮޓޯ/ އޭއެފްޕީ

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ޚާން ވިދާޅުވީ އޭނާ ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންވެފައި ކަމަށާއި ސަރުކާރުގެ މަގުސަދަކީ އޭނާ ޖަލަށް ލުން ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ކޯޓަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ އެކި ކޯޓުތަކުން ބަލާ މައްސަލަތަކުގައި އޭނާ ހައްޔަރު ކުރުމަށް ފާއިތުވި ދުވަސްތަކުގައި އެކި ފަހަރު މަތިން ކޯޓު އަމުރުތައް ނެރެފައިވެއެވެ. އެހެންކަމުން މިއީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ފުލުހުން އޭނާ ހައްޔަރު ކުރަން އެ ގެކޮޅު ކައިރިއަށް ދިޔަ ދެވަނަ ފަހަރެވެ.

ޚާން ހައްޔަރުކުރަން މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާ 2018އިން މިދިޔަ އަހަރަށް ވެރިކަމުގައި ހުންނެވި އިރު ދައުލަތަށް ލިބުނު ހަދިޔާތަކެއް ގާނޫނާ ޚިލާފަށް ވިއްކި ކަމުގެ ތުހުމަތުގައެވެ. އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ޚާން މަގާމުން ދުރުކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 10ގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އެގޮތުން ޚާންގެ އިތުބާރު އޮތްތޯ ބެލުމަށް އެ މަޖިލީހުގައި ނެގި ވޯޓުގައި 342 މެންބަރުންގެ ތެރެއިން 174 މެންބަރުން ވޯޓު ދިނީ އޭނާގެ އިތުބާރު ނެތް ކަމަށެވެ.

ޚާނަށް އިތުބާރު އޮތްތޯ ބެލުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހެޅީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީ، ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އިސްކޮށް އޮވެގެންނެވެ. އަދި ފަހުން ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝެހްބާޒް ޝަރީފެވެ.

އޭރު އިދިކޮޅުން ބުނީ ސަރުކާރު ބަދަލު ކުރަން ޖެހުނީ ކޮރަޕްޝަނުގެ އަމަލުތައް އިތުރުވެ، ގައުމުގެ އިގްތިސާދު ނަގަހައްޓަން ސަރުކާރު ނުކުޅެދިފައިވާތީ ކަމަށެވެ.

comment ކޮމެންޓް